ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ޚާއްޞަ ވެކްސިން ކެމްޕޭނެއް ފަށަނީ
މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެންނަމުންދާތީ، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤައުމެކެވެ. ނަމަވެސް، ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ރާއްޖެއިން ފެނިފައިވެއެވެ. އެންމެ ފަހުން މި މެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަޙައްދުން ބަލީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، އެޗްޕީއޭއިން ދަނީ ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މާލެ ސަރަޙައްދުން 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ބަލި ޖެހިފައިވާ މީހުންނާ ސީދާ ދިމާވި ފަރާތްތަކަށް މިހާރުވެސް ވެކްސިން ދެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ،" ނާޝިޔާ ވިދާޅުވިއެވެ.
ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވުން ދުރުކޮށްދޭކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. ޤައުމީ ވެކްސިން ތާވަލުގެ ދަށުން އެމްއާރް އަދި އެމްއާރްއައި ވެކްސިން ދެމުންދާއިރު، ވެކްސިން ޖެހިކަމުގެ ލިޔެކިޔުމެއް ނެތް ފަރާތްތަކުންވެސް ދެ ޑޯޒް ފުރިހަމަކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް އެ އޭޖެންސީން ލަފާދެއެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ މީހުންގެ ތެރެއަށް ނުދިއުމަށާއި، ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ޚާއްޞަކޮށް މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށްވުމުން، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަހެރިވެ ތިބުމަށް ސިއްޙީ މާހިރުން އިރުޝާދު ދެއްވައެވެ.
ރިއެކްޝަންސް





