ށ. ފުނަދޫ އަލިފާނުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ރައީސް މުއިއްޒު ޝުކުރުއަދާކުރައްވައިފި
ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ރައްޔިތުންގެ ސަލާމަތަށްޓަކައި އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރުއަދާކުރައްވައިފިއެވެ. މި ހާދިސާގައި ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
މިއަދު ށ. ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށް ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އަދި މިފަދަ ހާލަތްތަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ، މި ކުއްލި އަދި އުނދަގޫ ހާލަތުގައި، ވަގުތުން އިޖާބަދެއްވައި ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށާއި (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ފުނަދޫގެ ރައްޔިތުންނަށް ދެއްވި އެއްބާރުލެއްވުމުގެ އަގު ވަޒަންކޮށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް ރައީސް އެދިވަޑައިގަތެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، އާއްމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ހުރިހާ ފަރާތްތަކުގެ އާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް އެދި ދުއާކުރައްވާފައިވެ އެވެ.
ރިއެކްޝަންސް





