ދިގުރަށު އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި

ދިގުރަށު އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް، ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި

2 hours ago - 11:41

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވެ، އިތުރު ބަޔަކަށް އަނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.


މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ނިޔާވެފައިވާއިރު، އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގެ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.


ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މި ހިތާމައިގައި ދިވެހި ރައްޔިތުން ބައިވެރިވާކަން ހާމަކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއާއި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރާ ދައުރަކީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެއް ކަމަށެވެ. އެހެންކަމުން މިފަދަ ހާދިސާއެއްގައި އެ ޤައުމުގެ ރައްޔިތުންތަކެއް ވަކިވެދިއުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement
Advertisement


މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow