މަސްވެރިންނާއި ފެރީތަކަށާއި އާންމު ދަތުރުފަތުރުތަކަށްވެސް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ: އެސްޓީއޯ
އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތްތަކުގެ އިތުރުން، މަސްވެރިންނަށް އެސްޓީއޯއިން ވިއްކަމުންދާ ތެޔޮ ހެޔޮ އަގުގައި މެދުނުކެނޑި ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކުރި ގޮތުގައި، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ފަހިހަކަތަ" ޕްރޮގުރާމުގެ ދަށުން، ސަބްސިޑީ ދީގެން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުން އައި އައުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
އަދި މި ޕްރޮގުރާމުގެ ދަށުން މަސްވެރިންނަށް މެދުނުކެނޑި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކަމުން އައި އަގަށާއި، އަތޮޅުތަކުގައި އެސްޓީއޯއިން ހިންގަމުންދާ ތެޔޮ ޝެޑްތަކުން ތެޔޮ ފޯރުކޮށްދޭ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހޭނެކަން ކަށަވަރު ކުރުމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ވީހާވެސް ލުއި އަގުތަކެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





