ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުން މުހިންމު: ރައީސް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަންކަން ކަމަށާއި، މި ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ އެކަށީގެންވާ އަދި މާލީގޮތުން ބުރައަކަށްނުވާ ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ރައުންޑްޓޭބަލް އޮން ދަ ސެކަންޑް ޑިކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަކީ ސާފުކޮށް ފެންނަން ހުރި ހަޤީޤަތްތަކެއް ކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖެއިން މޫސުމީ ވިލުންތެރިކަން ކަށަވަރުކުރެވޭ، މާލީގޮތުން ހަރުދަނާ މަޝްރޫޢުތައް އެތައް އަހަރެއް ވަންދެން ތަރައްޤީކޮށް، މޫސުމީ ވިލުންތެރިކަމަކީ ޤައުމީ ތަރައްޤީގެ މުހިންމު އަމާޒެއްގެ ގޮތުގައި ހަދައި، ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އަޑުއުފުލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެފަދަ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ފުރުޞަތުތައް ވަރަށް ހަނި ކަމަށާއި، އޭގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކުގެ ރައްޔިތުންނާއި ޤައުމުގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ދަރަނިވެރިވުމަށް މަޖުބޫރުވަމުންދާކަން ހިތާމައާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަކީ ކުދި ޖަޒީރާ ޤައުމުތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެކަމަށް ބައިނަލްއަޤްވާމީ ގުޅިފައިވާ މަސައްކަތްތަކެއް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކްލައިމެޓް ފައިނޭންސިންގ ވާންވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމާއި، ގޮންޖެހުންތަކާއި، މާލީ ދަތިތަކަށް އެކަށޭނަ ޙައްލެއް ހޯދައިދެވޭނެ ފަދަ ނިޒާމަކަށް ކަމަށާއި، ހުރިހާ ކުދި ޤައުމުތައް އެއް ހަމައަކުން މިނައިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމެއްގެ ނާޒުކުކަން ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ އެ ޤައުމެއްގެ އިޤްތިޞާދީ ޙާލަތު ކަމުގައި ވެގެންނުވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ މައްސަލަތައް ޙައްލުކުރުމުގައި ކުދި ޖަޒީރާ ޤައުމެއް ކަމަށްވާ އެންޓީގާ އެންޑް ބާބިއުޑާގެ އުސޫލުތައް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، މޫސުމީ ބަދަލުތަކަށް ވިލުންތެރި ނިޒާމުތައް ޤާއިމުކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ބައިނަލްއަޤްވާމީ އެހީތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި މިފަދަ ކަންކަން ފަހިކުރުމަށް އެކުލަވާލާފައިވާ "ބްރިޖް އިނީޝިއޭޓިވް" އަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕެރިސް އެގްރީމަންޓަށް 20 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، އެ އެއްބަސްވުން އެކުލަވާލެވުނުއިރު ކަނޑައެޅި އަސާސްތައް ނެގެހެއްޓުމުގައި ދެމިތިބުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައްވަމުންނެވެ. އަދި ބައިނަލްއަޤްވާމީ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަންޖެހޭނެ ކަމަށާއި، އެބޭފުޅުންގެ ދައުރުގެ ކާމިޔާބީ މިނެކިރޭނީ މިފަދަ ނާޒުކު ޙާލަތްތަކުގައި އެންމެ ނިކަމެތި ފަރާތްތަކުގެ ޙައްޤުގައި ކޮށްދެވުނު މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް





