ކައުންސިލަރުންގެ ޢަދަދު މަދުކުރަން  ނުފެނޭ-ޝާހިދު
އެމްޑީޕީގެ ރައީސް ޝާހިދު: ކައުންސިލްގެ ސައިޒު ކުޑަކުރަން އެއްބަހެއް ނުވެވޭނެ.

ކައުންސިލަރުންގެ ޢަދަދު މަދުކުރަން ނުފެނޭ-ޝާހިދު

2 months ago - 13:59
Jul 8, 2024 - 17:48

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް އެމްޑީޕީއަށް އެއްބަސް ނުވެވޭނެ ކަމަށް،  އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާ ވެސް ރަށްރަށުގެ ޢާންމު ޙަލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިޚޮޓަރީގައި ތިބެގެން، ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު، އެފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށެވެ.

"ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން!" ޝާހިދު ވިދާޅުވި އެވެ.

ރައީސް ޞާލިޙު ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު މިފަދައިން އެކްސްގައި ޕޯސްޓް ކުރެއްވިއިރު،  ރޭ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުއީއްޒު ކައުންސިލް ތަކުގެ ސައިޒު ކުޑަކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. 

ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު ކައުންސިލް ތަކުގެ އަދަދު ބޮޑު ކަމަށާއި، ސައިޒު ކުޑަކުރަން ޖެހޭކަމަށެވެ. އެގޮތުން އާބާދީ ކުޑަ ރަށްރަށަށް ފަސް ކައުންސިލަރުން މާ ގިނަ ކަމަށާއި އެފަދަ ރަށްރަށަށުގެ ކައުންސިލަށް  ރައީސަކާއި ނައިބު ރައީސަކު ހޮވުމުން ފުދޭނެ ކަމަށެވެ. އަދި އާބާދީގެ ގޮތުން ބޮޑު ރަށްތަކާއި، ސިޓީތަކަށް ސައިޒު ތަންކޮޅެއް ބޮޑުކޮށްލެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕީޕީއެމް ސަރުކާރުގައި ރައީސް ޔާމީން ވެސް ކައުންސިލަރުންގެ އަދަދު ގިނަވެގެން މަދު ކުރި އެވެ. ނަމަވެސް އެމްޑީޕީ 2018 ގައި އަނެއްކާ ވެސް ވެރިކަމަށް އައިސް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އެ އަދަދު އިތުރު ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ އިސްލާހާ އެކު ކައުންސިލަރުންގެ މުސާރަ ވެސް އޭރު ބޮޑު ކުރި އެވެ. 

އެމްޑީޕީން ލާމަރުކަޒީ ގާނޫނަށް އޭރު ގެނައި އިސްލާހުގައި ވަނީ، ކިތަންމެ އާބާދީ ކުޑަ ރަށެއް ކަމުގައި ވިޔަސް މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށެވެ. އަދި އާބާދީ ބޮޑެތި ރަށްތަކުގެ ކައުންސިލްގައި ހަތް ކައުންސިލަރުން ތިބޭ ގޮތަށެވެ. މީގެ އިތުރުން ކޮންމެ ކައުންސިލެއްގެ %33 އަންހެނުނަށް ހާއްސަކުރީ ވެސް އެމްޑީޕީގެ އެ އިސްލާހުންނެވެ. އެއީ، ފަސް މެންބަރެއްގެ ކައުންސިލެއްގައި ދެ އަންހެނުން އަދި ހަތް މެންބަރުންގެ ކައުންސިލެއްގައި ތިން އަންހެނުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow