2025 ގެ އަމާޒަކީ އުފަލުގައި ހުރުންކަމަށް ވާނަމަ މި އާދަތަކާ ދުރުވެލާ!
ދެމަފިރއަކު އެކުގައި ވަގުތު ހޭދަކުރަނީ. ގުދުތަރީ މާހާއުލަކީ އުފާވެރި އިހްސާސެއް ކުރުވާ ތަނެއް

2025 ގެ އަމާޒަކީ އުފަލުގައި ހުރުންކަމަށް ވާނަމަ މި އާދަތަކާ ދުރުވެލާ!

3 days ago - 19:46
Dec 31, 2024 - 19:48

ދިރިހުރުމާ, ދިރިއުޅުމާ މިއީ ހާސްބައި ތަފާތު ދެކަމެވެ.

ދިރި ހުރުމުގެ މާނައަކީ ތިމާ ކޮންމެހެން އުފަލުގައި ނުވަތަ ހިތްހަމަޖެހިގެން އުޅުމެއް ނޫނެވެ. ދިރިހުރުމާއި, ދިރިއުޅުން ތަފާތުވަނި މިސަބަބައްޓަކައެވެ. ހަޤީގަތަކީ އަހަރެމެންނަށް އެކަންކަމަށް އާދަވެވޭ ބައެއް ކަންކަމުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުގެ އުފާވެރިކަމަށް ނުވަތަ ހިތުގެ ފިނިކަމަށް ހުރަސްއެޅޭ ކަމެވެ. 2025 އާ ކުރިމަތިލާއިރު ކުރިއަށް އޮތް އަހަރު އުފަލުގައި އުޅެން ބޭނުންނަމަ މި އާދަތަކާ ދުރުވެލާށެވެ. ތަފާތު ފެންނާނެއެވެ.

މި ލިޔުމުގައި ބޮޑަށް ބަލާލާނީ އަހަރެމެނަށް އެކަން ކަމާމެދު މާބޮޑަށް ވިސްނާނުލެވި އާދައަކަށް ހެދިފައިވާ, ނަމަވެސް އެކަމުގެ ސަބަބުން އިންސާނާގެ އުފާވެރި ރޫޙް މަރާލާ ބައެއް ކަންކަމުގެ މައްޗަށެވެ. އުފާވެރިކަން ބިނާވެފައިވަނީ ތިމާގެ ޟަމީރުގެ ރުހުމާއެކު ނިންމާ ނިންމުންތަކެއްގެ މައްޗަށެވެ. އުފާވެރިކަމަކީ ހަމަ ހުރެފަ ލިބޭ އެއްޗެއް ނޫނެވެ. އެއީ އަމިއްލައަށް އުފަންކުރުވާ އަދި އެއާއެކު އުޅެން އާދަކުރަންޖެހޭ ކަމެކެވެ.

1.     މާބޮޑަށް ވިސްނުން: މިއީ ހަމަ ގައިމުވެސް އުފާވެރިކަން މަރާލާ ވިހައެކެވެ. މިއީ ހަމަ ފޫނެއް ފަޔަކަށް ފެންފުރުން ފަދަ ކަމެކެވެ. ކަމަކާ މެދު މާބޮޑަށް ވިސްނައިގެން ވަކި ހާސިލްވާނެ ކަމެއް ނޯއްނާނެއެވެ. ސްޓްރެސް އާއި އެންޒައިޓި ލިބުން ނޫން ކަމެއް ނުވާނެއެވެ.

Advertisement
Advertisement

2.     ނައްސިކަން: ކަންކަމާމެދު ނައްސިކޮށް ދެކުމަކީ ތިމާގެ އުފާވެރިކަން ފޭރިގަންނަ ކަމެކެވެ. ނައްސިކޮށް ވިސްނުމަކީ ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫތައް އެއީ ނެތް ކަމެއްގައި ހެދުމެއް ނޫނެވެ. ގޮންޖެހުންތަކާ ކުރިމަތިލާއިރު އެކަމުގައި ވީހާވެސް ފައްސިކޮށް ވިސްނޭތޯ މަސައްކަތް ކުރުމަކީ ދަތިއުނދަގޫ ތަކުން އަރައިގަތުމަށް ފަސޭހަ ވާނެކަމެކެވެ.

3.     އަމިއްލަ ނަފްސު ބަދުނާމުކުރުން: މިއީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު, އެހެނަސް އަމިއްލަ ނަފްސަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. ކޮންމެ މީހަކީވެސް ކުށެއްކުރެވިދާނެ މީހެކެވެ. އެއީ އިންސާނަކަށް ވީތީ ވެދާނެކަމެކެވެ. ނަމަވެސް އެވެނި ކަމެއް ވީ ތިމަންނަގެ ސަބަބުންނޭ ބުނެ އަމިއްލަ ނަފްސް ކުށްވެރި ކުރުމަކީ ތިމާގެ އުފާވެރިކަމަށް ދިގު ހިޔަންޏެއް އެޅޭނެ ކަމެކެވެ. އަބަދުވެސް ބަލަންވީ ކުށެއްކުރެވުނަސް އެކަން ރަނގަޅުކޮށް ކުރިއަށް ދެވޭނެ ގޮތެކެވެ. އަމިއްލަ ނަފްސަށް އަނިޔާވެރި ނުވާށެވެ.

4.     މާޒީގައި ނުވަތަ މުސްތަޤްބަލުގައި ދިރިއުޅުން: މާޒީގެ ބޮޅުތަކުގެ ތެރޭގައި ގެތެވިފައި އިނުމާއި މުސްތަޤުބަލާ މެދު  ނުތަނަވަސްވުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ކުރެވޭ ވަރަށް ގޯސްކަމެކެވެ. އެކަމުގެ ސަބަބުން އަހަރެމެންގެ އުފާވެރިކަން ކުޑަވެގެންދާ ކަމެކެވެ. މާޒީ އެއް ބަދަލެއް ނުކުރެވޭނެއެވެ. މުސްތަޤުބަލާ މެދު ހާސްވެއިނދެ މުސްތަޤުބަލު އުޖާލާއެއް ނުވާނެއެވެ. ތިމާގެ ބާރު ނުފޯރާ ހިސާބަށް ވިސްނުން ނުގެންދާށެވެ. ދިރިއުޅުމުގެ މިއަދަށް ފޯކަސްކުރާށެވެ. މާޒީން އިބްރަތް ހޯދާ ކުރިމަގު ބައްޓަންކުރާށެވެ.

5.     ހިތްހަމަ ނުޖެހޭކަންކަން ދޫކޮށްލުން: މިއީ ތަބީޢީ ކަމެކެވެ. އެކަމަކު ހިތްހަމަނުޖެހޭ ހުރިހާ ކަމެއް ދިރިއުޅުމުގައި ދޫކްށްލުމަކީ ބައެއްފަހަރު އަހަރެމެންނަށް ޗޮއިސްއަކަށް ނުވެދާނެއެވެ. އެހެންކަމުން ދިމާވާ އެފަދަ ހާލަތްތައް ދޫކޮށްލުމަކީ ކަންކަމާ ކުރިމަތި ލުމުގެ ބާރު ތިމާގެ ނަފްސުން ދުރުކޮށްދޭ ކަމެކެވެ. އުފާވެރިކާއެކު ދިރިއުޅުމަކީ އެކަންކަމާ ކުރިމަތިލާން ދަސްކޮށް އަމިއްލަ ނަފްސުގެ އިތުބާރު ހޯދުމެވެ.

6.     އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާކިއުން: މިއީ އަމިއްލަ ނަފްސަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ޑިޖިޓަލް ދުނިޔޭގައި އަނެކާގެ ހަޔާތުން ފެންނަ ކަންކަން އަމިއްލަ ނަފްސާ އަޅާކިޔޭތަން ވަރަށް ގިނަ ފަހަރު އާދެއެވެ. އަނެކާގެ ދިރިއުޅުމަކީ ތިމާ ހީކުރާ ހަޤީގަތާ ވަރަށްވެސް ދުރު އެއްޗަކަށް ވެދާނެއެވެ. އަޅާކިޔުން ހުއްޓާލާށެވެ. ތިމާގެ އަމިއްލަ ނަފްސާ އަޅާކިޔާނީ ހަމައެކަނި ތިމާގެ ކުރީގެ ނަފްސާއެވެ.

7.     ތިމާ ބޭނުންވާ ކަންކަން ދޫކޮށްލުން: ވަރަށްގިނަ ފަހަރު ދިއިރުޅުމުގެ ޒިންމާއާއެކު ތިމާ ބޭނުންވާ ކަންކަން ފަސްކުރަމުން ގޮސް އެކަންކަމުގެ މަތިން ހަނދާންނެތޭ ފަހަރު އާދެއެވެ. ނުވަތަ ކޮންމެވެސް އެހެން މީހެއްގެ އުފަލައްޓަކާ ތިމާގެ ބޭނުންތައް ޤުރުބާންކުރެވޭތަން އާދެއެވެ. މިފަދަ ކަންކަމަކީ ތިމާގެ ބުރަކަށީގައި އޮތް އިޙްސާސްތަކުގެ ގޯނި (އިމޯޝަނަލް ބެގޭޖް) ބަރުވާކަމެކެވެ. އޭގެ ނަތީޖާއަކީ ނަފްސާނީ މައްސަލަތަކާ ހަނގުރާމަ ކުރަން އަމިއްލަ ނަފްސަށް މަޖުބޫރުވުމެވެ.

8.     ހިތުގައި ހިތިކަން ބެހެއްޓުން: މާޒީގައި ހިނގާފައިވާ ކަމެއްގެ ހިތިކަން ތިމާ އަޅާހާ ފިޔަވަޅަކާއެކު ގެންދަންޖެހިއްޖެނަމަ އިސާހިތަކު ދިރިއުޅުމުގެ މައިދާނުގައި ތިމާ ބަލިވެދާނެއެވެ. އެކަމުގެ ސަބަބުން ތިމާގެ އުފާތަކަށް ހުރަސްއެޅި އެ ބަރުގައި ކުރިއަށް ދިއުމަށް ދަތިވެދާނެއެވެ. ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ވިދާޅުވެފައި ވެއެވެ. "މާޒީގެ ހިތިކަމަކީ ޒަހަރެއް ބުއިން ކަހަލަ ކަމެކެވެ".

9.     އުފާވެރިކަން ފަހާ ދުވުން: އަބަދު އުފާވެރިކަން ހޯދުން ނޫން ކަމެއް ނުވަތަ އުފަލަކީ މިލްކިއްޔާތުގެ ހަމައެކަނި ހަރުމުދާ ކަމުގައި ދުށުމަކީވެސް އުފާވެރިކަން ކުޑަވެފަވާނެކަމެކެވެ. އެއީ އަބަދު އުފާވެރިކަން ފަހާ ދުވަން ވެއްޖެނަމަ ދިރިއުޅުމުގައި ހުރި އުފާވެރިކަން ގެއްލިދާއިރުވެސް ރެއަކާނުލާފާނެއެވެ.

10.  ދިރިއުޅުން މާ އަބުއިކޮށް ނެގުން: އަހަރެމެންގެ ދިރިއުޅުމުގައި ކާމިޔާބާ ޙާސިލްކުރުމަކީ އަހަރެމެންގެ އަބަދުގެވެސް އަމާޒެވެ. އެކަމުގައި ބައެއް ފަހަރު ދިރިއުޅުމުގެ މަޖަލާއި އުފާވެރިކަން ދޫކޮށް, މީހާ މުޅިން އަބުއި (ސީރިއަސް) މީހެއްގެ ސިފަ ހިޔާރުކުރެއެވެ. މިކަން ހައްލުކުރުމަށް ދިރިއުޅުމުގެ ތާވަލްގައި ކޮންމެވެސް ވަރަށް މަޖަލަށް ކުރާ ކަންކަން ހިމަނާށެވެ. އެއީ ރައްޓެހިންނާ އެކު ގޭމެއް ކުޅެލުން ކަމުގައި ވިޔަސް މެއެވެ.

2025 ވަނަ އަހަރާ ކުރިމަތި ލާއިރު ހަޔާތަށް އުފާވެރި ކަމެއް ނުވަތަ ދިރިހުރުމަށް ވުރެ ދިރިއުޅުމެއް ހޯދުމަށް ހަޔާތުގައި ހުރި ނޭދެވޭ އާދަތައް ދޫކޮށްލާށެވެ.

އެއީ ތިމާގެ އަމިއްލަ ނަފްސަށް އަޅާލުމާއި, އަމިއްލަ އިޙްސާސްތަކަށް ޤަދަރުކުރުމާއި, މިއަދުގައި ދިރިއުޅުގެ ތެރެއިން ޙާސިލްކުރެވޭ ކަންކަމެވެ. އުފާވެރިކަމަކީ ދަތުރެކެވެ. އެއީ މަންޒިލެއް ނޫނެވެ. އެ ދަތުރުގައި ތިމާ އަޅާ ކޮންމެ ފިޔަވަޅަކީވެސް މަތީގައި ބަޔާންކޮށްފައިވާ އާދަތަކާ ދުރުވެ ކުރިއަށް އަޅާ ފިޔަވަޅެއްނަމަ އެއި އުފާވެރިކަމާ ކައިރިއަށް އެޅޭ ފިޔަވަޅެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow