ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދަށް 4 ޕަސެންޓުގެ ކުރިއެރުމެއް

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދަށް 4 ޕަސެންޓުގެ ކުރިއެރުމެއް

19 hours ago - 10:11

ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ 4 އިންސައްތައިގެ ކުރިއެރުމެއް ހޯދައި، ފާހަގަކޮށްލެވޭ ފަދަ ހެޔޮ ބަދަލެއް ރެކޯޑުކޮށްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" ރިޕޯޓުގައިވާ ގޮތުން، ގައުމީ އުފެއްދުންތެރިކަން މި މިންވަރަށް އުފުލިގެން ދިޔުމުގެ މައިގަނޑު ސިއްރަކީ ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި، ހޯލްސޭލް އަދި ރީޓެއިލް މުދާ ވިއްކުމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް ވަރަށް ބޮޑަށް ހަލުވިވެގެން ދިއުމެވެ.


އެ ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ އަސާސީ އަގުތަކުގެ މައްޗަށް ބިނާކޮށް ހިސާބުކުރާއިރު ސެޕްޓެމްބަރު މަހުގެ އިގްތިސާދީ މިންވަރު ހުރީ 8.51 ބިލިއަން ރުފިޔާގައެވެ. މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއާއެކު، އޮގަސްޓު މަހު 2.4 އިންސައްތައިގައި ހުރި އަހަރީ ކުރިއެރުން ވަނީ މައްޗަށް ޖެހިލާފައެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަދަދުތަކާ އަޅާކިޔާއިރު، މިއީ 10 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.


މި ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ 0.9 ޕަސެންޓޭޖް ޕޮއިންޓް ހިއްސާކުރި ރިއަލް އެސްޓޭޓް ދާއިރާއެވެ. ހަމައެއާއެކު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓޭޖް ޕޮއިންޓް ގައުމީ އުފެއްދުންތެރިކަމަށް އިތުރުކޮށްދީފައިވާއިރު، ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކުން 0.6 ޕަސެންޓޭޖް ޕޮއިންޓް ވަނީ ހިއްސާކޮށްފައެވެ. ވަކިވަކި ސިނާއަތްތަކަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ 16.6 އިންސައްތަ ކުރިއަރައި 457 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެއިތުރުން، ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ މިންވަރު މަތިވުމާއެކު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 އިންސައްތަ ކުރިއަރައި، އެ ދާއިރާގެ އުފެއްދުންތެރިކަން 815 މިލިއަން ރުފިޔާއަށް އެރި ކަމަށް އެމްބީއެސްގެ ހިސާބުތަކުން ދައްކައެވެ. ހަމައެހެންމެ، ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުން ވެސް ވަނީ 0.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.


މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ނަތީޖާއަށް ނަޒަރުހިންގާލާއިރު، އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ވަނީ ވޭތުވެދިޔަ އަހަރަށްވުރެ ރަނގަޅު ކުރިއެރުމެއް ހާސިލުކޮށްފައެވެ. އެގޮތުން ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ޖުމްލަ އުފެއްދުންތެރިކަން 81.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 އިންސައްތައިގެ އިތުރުވުމެކެވެ.


އަހަރުން އަހަރަށް ބަލާއިރު އިގްތިސާދީ ދުވެލި ހަލުވިވި ނަމަވެސް، މަހުން މަހަށް ބަލާއިރު އޮގަސްޓު މަހާ އަޅާކިޔާއިރު ސެޕްޓެމްބަރު މަހު ވަނީ 11.6 އިންސައްތަ (1.12 ބިލިއަން ރުފިޔާ) ގެ ދަށްވުމެއް ފެނިފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް ކަމަށްވާ 18.5 އިންސައްތަ ތަމްސީލުކުރާ ފަތުރުވެރިކަމުގެ ދާއިރާ ވަނީ އޮގަސްޓު މަހާ އަޅާބަލާއިރު 29.5 އިންސައްތަ ދަށަށް ގޮސްފައެވެ. މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކެވެ. ނަމަވެސް އެ ސަރަހައްދުގެ މަސްރަހު ފިނިވެ ހަމައަކަށް އެޅުމުން މި ދާއިރާ އަލުން އާރޯވެގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިއީ އާންމު ގޮތެއްގައި ވެސް އޮގަސްޓުން ސެޕްޓެމްބަރަށް އިގްތިސާދީ ހަރަކާތްތައް މަޑުޖެހޭ މޫސުމީ ބަދަލެއް ނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު ވެގެން ގޮސްފައިވަނީ އެ މުއްދަތުގައި އެންމެ ރަނގަޅު ނަތީޖާއެއް ހާސިލުކުރި މަހަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow