އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެންނަކަމަށް ބުނެ ފަތުރަނީ ދޮގު މަޢުލޫމާތެއް: މިނިސްޓަރު އިޙްސާން
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިޞްލާޙެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އިމިގްރޭޝަންގެ ޤާނޫނަށް ގެންނަ އިސްލާޙެއް ކަމަށް ދައްކައިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓާ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ރަސްމީ ބިލެއްގެ ސިފަޖަހައިގެން ތައްޔާރުކޮށްފައިވާ ފޭކް ލިޔުމުގެ ފޮޓޯއެއްވެސް އެ ޕޯސްޓާއެކު އާންމުކުރައްވާފައެވެ.
އާންމުވެފައިވާ އެ ދޮގު ލިޔުމުގައި ބަޔާންކޮށްފައިވަނީ ބިދޭސީންނަށް "ރެޒިޑެންޓް ވިސާ" ދޫކުރުމަށް ތިން ޙާލަތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތަކާ ކައިވެނި ކުރުމާއި، އެއްލައްކަ ރުފިޔާއަށްވުރެ މަތީ ޢަދަދަކުން އިންވެސްޓް ކުރުމުގެ އިތުރުން، ރާއްޖެއިން 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފުމުން މި ވިސާ ލިބޭނެ ކަމަށް އެ ލިޔުމުގައި ވެއެވެ.
ނަމަވެސް، މިނިސްޓަރު އިޙްސާން ވިދާޅުވީ އެ ލިޔުމުގައިވާ ޢިބާރާތްތަކަކީ މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރެއްގައި ޤާނޫނަށް ގެންނަން ވިސްނާފައިވާ އިޞްލާޙުތަކެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ޞަފްޙާގެ މައްޗަށް އެކުލެވޭ މުޅިން އާ އިމިގްރޭޝަން ޤާނޫނެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އެ އާ ބިލުގައި "ރެސިޑެންޓް ވިޒާ"ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް ހިމަނާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ވަޒީރު އިޙްސާން ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް





