އއ. ފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި
މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އއ. ފެރިދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޖޫން މަހުގެ 2 ވަނަ ދުވަހު ފެރިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ފެރިދޫ ކައުންސިލުގެ ރައީސް އަންވަރު ސާދާތުގެ އިތުރުން ކައުންސިލް މެމްބަރުންނާއި، އެމްޓީސީސީގެ މުވައްޒަފުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ ޢަލީ އިޙުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ. މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ފެރިދޫ ކައުންސިލުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން އަރުވާފައިވެއެވެ. މި ލިޔުންތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އިޙުސާންއެވެ.
ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، ބިންގާ އަޅާފައިވަނީ 19 އޮގަސްޓް 2025 ގައެވެ. މި އައު އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ހާއްސަ ބަޔަކާއި، ފުލުހުން ތިބުމަށް އެކޮމޮޑޭޝަން ބްލޮކެއް ވަނީ ގާއިމުކޮށްފައެވެ. އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރުން ރަށްރަށުގެ އަމާންކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިއްޔެ ވަނީ ބ. މާޅޮހު ޕޮލިސް ސްޓޭޝަންވެސް ރަސްމީކޮށް ހުޅުވާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވާއިރު، މިހާރު ސަރުކާރުން އެންމެ އިސްކަމެއް ދެނީ ޕޮލިސް ސްޓޭޝަންތަކަށް ބޭނުންވާ ދާއިމީ އިމާރާތްތައް ބިނާކުރުމަށާއި، ބައުވެފައިވާ އިމާރާތްތައް މަރާމާތުކޮށް ވަސީލަތްތައް ތަރައްގީކުރުމަށެވެ.
ރިއެކްޝަންސް





