މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާވޭތައް ފަށައިފި
މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ އަމަލީ މަސައްކަތްތައް މިއަދު ފަށައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވާފައިވާ ގޮތުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން، މަސައްކަތާ ގުޅޭ ސަރަޙައްދުތައް ސާވޭކުރުމާއި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އަމާން އަދި ފަސޭހަ ތަންތަނަށް ހެދުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ސާވޭ ޑިޒައިން ކުރުމުގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކުރުމުގެ މަރުޙަލާތައް ކުރިއަށްގެންދަނީ ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން ހިންގާ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިންނެވެ.
ސަރުކާރުގެ އަމާޒަކީ މި ސާވޭތަކަށްފަހު، ވީއެންމެ އަވަހަކަށް މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައި، މާލެ ސަރަޙައްދުގެ މަގުތަކުގެ ފެންވަރު މަތިކޮށް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.
ރިއެކްޝަންސް





