ސޫ! ރޮނާލްޑޯ އަށް 40 އަހަރު, ފަނޑުވުމެއްނެތި އަދިވެސް އެންމެ އުހުގައި!
ފުޓްބޯޅައިގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތަރި އެއްހަމައްގައި, އެއް ވިދުވަރެއްގައި ނުއޮއްސި ހުންނަތާ ވިހި އަހަރު ވީއެވެ. އެއީ ރޮނާލްޑޯގެ އުމުރުގެ ދެބައިކުޅަ އެއްބައެވެ. ރޮނާލްޑޯ އަށް މިއަދު 40 އަހަރު ފުރުނީއެވެ.
މެންޗެސްޓަރ ޔުނައިޓަޑް, ރެއާލް މެޑްރިޑް, ޔުވެންޓަސް, އަލް-ނަޞްރު އަދި ޕޯޗުގީޒް ޤައުމީޓީމާއެކު ވެސް އެތައް ކާމިޔާބެއް ހާސިލްކޮށް,ރެކޯޑްތައް ޤާއިމްކޮށް, ބިންދާ, ހައިރާންވާ މިންވަރަށް ގޯލްތައް ޖެހުމުގައި އަދިވެސް ކުރިއަށެވެ. ދާ ކޮންމެ ކްލަބެއްގައި ރެކޯޑްތައް ޤާއިމްކުރާ ރޮނާލްޑޯއަށް އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ފަހަރުގާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ އޭނާގެ ކާމިޔާބީގެ ސިއްރުކަމަށްވެސް ވެދާނެއެވެ.
މުޅި ދުނިޔޭގެ އައިކަން އަދި ބްރޭންޑެއްގެ ގޮތުގައި މީން ޒަމާނަކުވެސް ފުޓްބޯޅައިގައި މީހަކަށް ހާސިލް ނުކުރެވޭ ވަރުގެ ރެކޯޑަކާ ހަމައަށް އޭނާ ވަނީ މިސްރާބު ޖަހާފައެވެ. 1000 ގޯލް ހަމަކުރަން ފޫގަޅާފައި ހުރި ރޮނާލްޑޯގެ ތަށި ހަރުގަނޑުގައި މަދީ އެންމެ ތައްޓެކެވެ. ނަމަވެސް އެއީ އޭނާ 'ރިގްރެޓް' ކުރާ ކަމެއްނޫނެވެ.
ރޮނާލްޑޯއަކީ މެޗުގެ އޮއިވަރު ބަދަލުކޮށްލުމުގެ ޖާދޫ އޭނާގެ ހުނަރުން ދައްކުވައިދިން އަދި ފަނޑުވުމެއްނުވާ ތަރިއެއްގެ ގޮތުގައި އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ކުޅުންތެރިޔާއެވެ. މީސްމީޑިއާގެ އެކި މަންސަތަކުގެ ފޮލޯވަރުންގެ ޖުމްލަ އަދަދު އެއްބިލިއަނަށް ވުރެ މަތި ރޯނާލްޑޯއަކީ މުޅި ދުނިޔޭގެ އެންމެ ގިނަ މީހުން ފޮލޯކުރާ ސެލްބްރިޓީއެވެ.
ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި އޭނާ މުޅި ޔޫރަޕް ފަތަހަކުރިއެވެ. ޕްރިމިއަރ ލީގު, ސްޕެނިޝް ލީގު އަދި އިޓާލިއަން ލީގު ފަތަހަ ކުރުމަށްފަހު އޭޝިއާއަށް ރޮނާލްޑޯ ބަދަލުވީ 2023 ވަނަ އަހަރުއެވެ. ސައުދީ ޕްރޯ ލީގަކީ ދުނިޔޭގެ ނަންހިގާ އަދި މީހުން ޝައުގުވެރިވާ ލީގަކަށް ބަދަލުކޮށްލުމުގެ އާރުކާޓީ, ރޮނާލްޑޯގެ ރެއާލް މެޑްރިޑްގެ ލެގަސީ އަކީ ފުޓްބޯޅައިގެ ދުނިޔޭގެ ފަނޑުވުމެއްނެއް ހަނދާންތަކެކެވެ. އޭނާގެ ކެރިއަރުގެ އެންމެ އުހުގައި ރެއާލްއަށް ޖަހައިދިން ގޯލާ ކައިރިވެސް ކުރެވޭ ފެންވަރުގެ ކުޅުންތެރިއަކު މިހާތަކަށް އެ ކްލަބުގައި އުފެދިފައެއް ނުވެއެވެ. މިހާރު އޭނާ އެދަނީ ދުނިޔޭގެ ފެންވަރުގައި ބީޓް ނުކުރެވޭނެ ރެކޯޑްއަކާ ދިމާލަށެވެ. އުމުރުން 40 އަހަރުގައެވެ.
ރޮނާލްޑޯގެ މިވާހަކަ ނިމޭނީ ކިހިނެތް ކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެ ކާމިޔާބީ ހާސިލްރުމަށްޓަކައި ގަދައަޅާ މަސައްކުރާ އެހެން ދެވަނަ ކުޅުންތެރިއަކު އަދި އެފެންވަރަށް މަސައްކަތްކުރާ އެހެން ކުޅުންތެރިއަކު ފެނުމަކީ ނާދިރު ކަމެއް ކަމުގައެވެ. މިއީ އަޅުގަނޑު ދަންނާވާ ވާހަކައެއް ނޫނެވެ. ރޮނާލްޑޯ އާއެކު އެތައް ދުވަހަކު މަސައްކަތްކުރި ގިނަ ބަޔަކު އިއްތިފާގުވާ ކަމެކެވެ. އޭނާގެ ކުޅިވަރުގެ އަޙްލާގަކީ އެއާ އެއްފަދަ ދެވަނައެއް ނެތް ކަމެއް ކަމުގައި ރޮނާލްޑޯ އެނގޭ ގިނަބަޔަކު އިއްތިފާގު ވާނެއެވެ.
ރޮނާލްޑޯ ފުޓްބޯޅަ ކުޅެންފެށީ އުމުރުން 7 އަހަރުގައެވެ. އެއީ ރޮނާލްޑޯގެ ބައްޕަ ހޯސޭ ޑިނިސް އަވޭރިއޯ ކިޓް މޭން އެއްގެ ގޮތުގައި މަސައްކަތްކުރި ޕޯޗްގީޒްގެ މެޑެއިރާގެ ކްލަބް އެފްސީ އަންޑޯރިނާއެވެ. ރޮނާލްޑޯ އޭނާގެ ފުރަތަމަ ރެކޯޑް ޤާއިމްކުރީ އުމުރުން އެންމެ 12 އަހަރުގައި ޕޯޗްގަލްގެ ސްޕޯޓިން ލިސްބަންގެ ޓްރަޔަލްގައެވެ. 20,000 ޔޫރޯގެ ޑީލެއްގެ ދަށުން ނެކްޝަނަލް އިން ލިސްބަން އަށް ރޮނާލްޑޯ ގެނައި ގެނައުމަކީ އެ އުމުރުގެ ކުޅުންތެރިއަކާ އަޅާ ބަލާއިރު އަދިވެސް ރެކޯޑެކެވެ.
ލިސްބަންގައި އޭނާ ކުރިއަރައިގެން ދިޔައީ ދާދި އަވަށެވެ. 17 އަހަރުން ދަށުގެ ޓީމުން ފުރަތަމަ ޓީމަށް އެއް ސީޒަނުގެ ތެރޭގައި ބަދަލުވެ އިންޓަރ މިލާން އާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅުނީ 2002 ވަނަ އަހަރުއެވެ.
ސަރ އެލެކްސް ފަރގަސަން ގެ ލޮލޮގައި މާކުރިންވެސް އަޅައިގެންފަހުރި ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓަޑަށް ބަދަލުވީ 2003 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. 18 އަހަރުގެ ޓީނޭޖް ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓަޑް އާ ގުޅުނު ރޮނާލްޑޯއަށް ކްލަބުގެ ފަހުރުވެރި 7 ނަންބަރު ޖޯޒީ ލިބުމަކީ އިއްތިފާގެއްނޫންކަން އޭނާ ސާބިތުކޮށްދިނީ އެޓީމަށް އޭނާ ހޯދައިދިން ކާމިޔާބީތަކުންނެވެ.
ޔުނައިޓަޑްގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗަކީ ރޮނާލްޑޯ އަދި ޔުނައިޓަޑްގެ ފޭނުންގެ ވެސް ހަނދާނުން ފޮހެނުލެވޭނެ ހިތްގައިމު މެޗެކެވެ. އޮގަސްޓް 16, 2003 ގައި ބޯލްޓަން އާ ދެކޮޅަށް ކުޅުނު މެޗުގެ 61 ވަނަ މިނިޓްގައި ކުޅެން ނިކުއިން ރޮނާލްޑޯ މެޗުގައި ތިން ގޯލް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެ 4-0 ޖެ ކާމިޔާބީ ޔުނައިޓަޑް އަށް ހޯދައިދިން ދުވަހެވެ.
ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ޕޯޗްގަލްގެ ޤައުމީ ޓީމަށް 2004 ގައި ކުޅެންފެށި ރޮނާލްޑޯ އަކީ ޕޯޗުގަލް އިން ތަރިއެއް އުފަންވުމުގެ ފެށުންކަން ސާބިތުކޮށްދިނީ އެމެޗުގެ 93 ވަނަ މިނިޓްގައި ގްރީސްއާ ދެކޮޅަށް ކާމިޔާބުކުރި ގޯލެވެ. ޤައުމީ ޖޯޒީގައި ޖަހައިދިން ފުރަތަމަ ގޯލާއެކު ބަލިވަމުންދިޔަ ޓީމަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެ މުބާރާތުގެ އިތުރު ހަ މެޗެއްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ރޮނާލްޑޯ ސެމީ ފައިނަލްގައި ނެދަލެންޑްސް ކޮޅަށްވެސް ގޯލް ޖެހިއެވެ.
ޔޫރޯގެ ނާކާމިޔާބީއަށް ފަހު ރޮނާލްޑޯއާއެކު ޕޯޗްގަލް 2006 ގައި ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގައި ފަސޭހަ ކަމާއެކު ގްރޫޕް ސްޓޭޖުން ދެމިގަތެވެ. 2022 ގައި ޤަތަރުގައި އޮތް ވޯލްޑް ކަޕްގައިވެސް ޕޯޗްގަލްގެ ޤައުމީޓީމަށް ކުޅުނު ރޮނާލްޑޯ އަކީ ޖެހިޖެހިގެން ފަސް ވޯލްޑްކަޕްގައި ގޯލްޖެހި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.
ރޮނާލްޑޯގެ ކެރިއަރުގައި 66 ހެޓްރިކް ކާމިޔާބު ކުރިއެވެ. ހިލޭޖެހުންތަކުން އޭނާ ކާމިޔާބުކުރި އާދަޔާ ހިލާފް ގޯލްތަކަކީ ފުޓްބޯޅާއިގެ މަދަރުސާގައި ހަމަ ކޮންމެ ދުވަހަކުވެސް ދަރިވަރުން ޝައުގުވެރިކަމާއެކު ކިޔަވާ ފިލާވަޅެކެވެ.
ފުޓްބޯޅައިގެ ދުނިޔޭގެ ފަހުގެ ތާރީޙްގެ އެންމެ ބޮޑު ވާދަވެރިކަން ފެށުނީ 2008 ގައެވެ. އެޕްރީލް 23 ގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސެލޯނާއާއި މެންޗެސްޓަރ ޔުނައިޓަޑް ވާދަކުރި މެޗަކީ ހަމައެކަނި އެދެޓީމުގެ މެދުގައި ކުޅެވުނު މެޗެއްނޫނެވެ. ފުޓްބޯޅައިގައި ދިގުދެމިގެންދިޔަ އަބަދީ ވާދަވެރިކަމުގެ ފެށުމެވެ. 'ގޯޓް' ބަހުޘްގެ ފެށުމެވެ.
2007-2008 ގެ ސީޒަންގައި 49 މެޗުން 42 ގޯލް ކާމިޔާބުކޮށް ހޯދި ފުރަތަމަ ބެލެންޑޯ އާއެކު ޖުމްލަ ފަސް ބެލެންޑޯ އޭނާގެ ކާމިޔާބީގެ ހަރުގަނޑުގައި އެބަ ހުއްޓެވެ.
"އުނޯ, ދޯސް, ތްރެސް....ހާލާ މެޑްރިޑް" މިއީ ރޮނާލްޑޯގެ ކެރިއަރުގެ ރަން ދުވަސްތަކުގެ ފެށުމެވެ. ޖުލައި 6, 2009 ވަނަ ދުވަހުގެރޭ 9 ޖަހާއިރު އޮންނަ ރަސްމިއްޔާތަށް ސެންޓިއޭގޯ ބާނާބެއުގެ ބޭރުގައި ސަޕޯޓަރުން މެންދުރުގެ ގަދަ ހޫނުގައި ކިއޫ ދަމާލީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މަރުހަބާ ކިއުމަށެވެ. 85,000 ސަޕޯޓަރުންނާއެކު ސްޓޭޑިއަމްއިން ކީ ހޫނު މަރުހަބާއަކީ މިހާތަނަށް ކުޅުންތެރިއަކަށް ކީ އެންމެ ބޮޑު މަރުހަބާއެވެ.
2016 ގެ ޔޫރޯ ޕޯޗްގަލް ކާމިޔާބު ކުރުމަކީ ރޮނާލްޑޯގެ ކެރިއަރު އެންމެ މުހިއްމު އެއް ވަގުތުކޮޅެވެ. އަދި ރޮނާލްޑޯ އެންމެ ހިތި ތަޖުރިބާއެއް ކުރީވެސް ޕޯޗްގަލްގެ ގައުމީ ޓީމާއެކުއެވެ. ކެރިއަރުގެ 900 ވަނަ ގޯލް ކާމިޔާބުކުރީވެސް ޤައުމީ ޓީމުގެ ޖޯޒީގައެވެ. އެއީ އޭރުގެ ވެސް އަދި މިހާރުގެ ވެސް ބިންދާލުން މުސްތަހީލު ރެކޯޑެކެވެ.
2018ގައި 112 މިލިއަން ޔޫރޯގެ ފީއަކަށް އިޓަލީގެ ޔުވެންޓަސް އަށް ހަތަރު އަހަރަށް ބަދަލުވި ރޮނާލްޑޯ އެނބުރި ޔުނައިޓަޑް އާ ގުޅުނީ ސެޕްޓެމްބަރ 11, 2021ގައެވެ. ނަމަވެސް ޑިސެމްބަރު 30, 2021 ގައި ރޮނާލްޑޯގެ ކެރިއަރުގެ މުޅިން އާ ބާބެއް ފެށުނެވެ. ފުޓްބޯޅައިގައި މާބޮޑު ނަމެއްނެތް ސައުދީ އެރޭބިއާގެ ޕްރޯ ލީގުގެ އަލް-ނަޞްރަށް ބަދަލުވެ ރޮނާލްޑޯ ބުނީ ޔޫރަޕްގައި އޭނާގެ މަސައްކަތް ނިމުނީ ކަމުގައެވެ. ސައުދީ އަރަބިއާގެ ފުޓްބޯޅައިގައި ރޮނާލްޑޯގެ ނުފޫޒު ގަދައެވެ. އަލް-ނަޞްތަށް ސޮއިކުރިތާ ހަފުތާއެއްގެ ތެރޭގައި އެ ކަލްބަނުގެ އިންސްޓާގްރާމް އެކައުންޓްގެ ފޮލޯވަރުންގެ އަދަދު 853,000 ން 10 މިލިއަނަށް ބަދަލުވިއެވެ.
ބައިނަލް އަޤުވާމީ ފުޓްބޯޅައިން ރިޓާޔާ ކުރުމުގެ ވިސްނުމެއް ރޮނާލްޑޯ އަދި ނުގެންގުޅެއެވެ. 40 އަހަރު ވިއަސް އަދި އެއްފަހަރު ޤައުމީ ޓީމުގެ ކެޕްޓާންކަން ކުރުމަކީ ރޮނާލްޑޯ ދެކުން ހުއްޓާލަން ބޭނުންނުވާ ހުވަފެނެކެވެ.
ރިއެކްޝަންސް