އަސާސީ ކާބޯތަކެތި ހޯދުމަށާއި އިގުތިސާދު ފުޅާކުރުމަށް ޗައިނާއާއެކު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހޯދުމުގެ މަގު ފަހިކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޗައިނާއާއެކު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ސަރުކާރުގެ އިދާރާތަކާއި ދެ ގައުމުގެ ވިޔަފާރި ކުންފުނިތައް ހިމެނޭ ގޮތަށެވެ.
މި އެއްބަސްވުންތައް ގާއިމުކޮށްފައިވަނީ "މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ހަވާސާގައި ކުރިއަށްދިޔަ "ޗައިނާ މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޒިންހުވާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފޯރަމްގެ ތެރެއިން ވިޔަފާރީގެ ދާއިރާއިން އެހީތެރިކަން ފުޅާކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި އެ ސިޓީގެ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މީގެއިތުރުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ދަނޑުވެރިކަމުގެ އާ އީޖާދުތަކާއި ދިރާސާތައް ހެދުމުގެ އިތުރުން ތަމްރީނުތައް ދިނުމަށް ޚާއްސަ ސެންޓަރެއް ގާއިމުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިގުތިސާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތަށްވެސް ވަނީ އަގުހުރި ފުރުސަތުތަކެއް ފަހިވެގެން ގޮސްފައެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ކާބޯތަކެއްޗާއި މުދާ އެތެރެކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓުން ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިންނާއި، ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒުން ވަނީ ސިނޮމެކް ހައިނާން ކޯޕަރޭޝަނާއެކު ވަކިވަކިން އެއްބަސްވުންތައް ބަދަލުކޮށްފައެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު މި މުހިންމު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެލި ހަލުވިވެ، ދިވެހި އުފެއްދުންތައް ބޭރުގެ ބޮޑެތި ބާޒާރުތަކަށް ނެރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





