އޭއައި ބޭނުންކުރަންވީ ވިސްނުންތައް ކުރިއެރުވުމަށް: ވަޒީރު ހީނާ
އިންސާނުންގެ މެދުގައި އޮންނަ ތަފާތުކުރުންތަކާއި ނުރަނގަޅު ތަޞައްވުރު ފެތުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ ބަދަލުގައި، އިންސާނީ ވިސްނުން ކުރިއެރުވުމަށް އެ ވަސީލަތް ބޭނުންކުރުން މުހިންމުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ފެށި '7 ވަނަ ވޯލްޑް ފޯރަމް އޮން އިންޓަރކަލްޗަރަލް ޑައިލޮގް'ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ ހައި-ލެވެލް 3ވަނަ ބައްދަލުވުމާއި ބާކޫ ޕްރޮސެސްގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.
މިމަހުގެ 29 ހަމައަށް "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި ބަޔާން އިއްވަވަމުން ވަޒީރު ހީނާ ވަނީ، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ ވިސްނުމާއި އިޙްތިރާމް އިތުރުކޮށްދޭ، އަދި ސަގާފީ ތަފާތުތަކަށް އިޙްތިރާމްކުރާ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލައްވާފައެވެ. އަދި އޭއައި މެދުވެރިކޮށް ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓުވުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފުރިހަމަނުވާ މަޢުލޫމާތާއި ތާރީޚީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އޭ.އައި ނިޒާމުތަކުގެ ސަބަބުން، މީހުންގެ މެދުގައި އޮންނަ ނުރަނގަޅު ވިސްނުންތަކާއި ތަޞައްވުރު އިހުނަށްވުރެ ބޮޑަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ހަމައެކަނި ފަންނިއްޔަތުގެ ގުޅުންތައް އިތުރުވުމަކީ އޭގެ ޒާތުގައި އިޙްތިރާމް އުފެދޭނެ ކަމެއް ނޫން ކަމަށާއި، ފަންނިއްޔާތާއެކު ފުންކޮށް ވިސްނުމާއި، ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، މާނަހުރި ސަގާފީ މުޢާމަލާތްތައް ބޭނުންވާނެ ކަމަށް އަލިއަޅުއްވާލެއްވިއެވެ.
ރިއެކްޝަންސް





