ކ. ގާފަރު ކައިރިއަށް ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަނީ
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އުޅަނދު ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ސަލާމަތް ކުރެވިފައިވާއިރު، އަދިވެސް ދެ މީހަކު ވަނީ ނުފެނިފައެވެ.
އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި، ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީންނެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގާފައި މިވަނީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާ ދަނޑިވަޅެއްގައެވެ. މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް ގަދަވެ، ވައިބާރުވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ރިއެކްޝަންސް





