ސަރުކާރުން ހުށަހެޅީ އިސްރާފް ކުޑަ, ރައްޔިތުން އިސްކޮށްފައިވާ ބަޖެޓެއް- މެމްބަރު އިއްބެ
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅުއްވީ އިސްރާފް ކުޑަ އަދި ރައްޔިތުން އިސްކޮށްފައިވާ ބަޖެޓެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު އިއްބެ ވިދާޅުވީ ހުށަހަޅުއްވާފައިވާ ބަޖެޓަކީ އިސްރާފް ހުއްޓުވާ އެހީ ސީދާ ރައްޔިތު މީހާގެ ޖީބަށް ފޯރުކޮށްދޭނެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. 2025 ވަނަ އަހަރުގެ ބަޖެޓް އަމާޒުކޮށްފައިވާތަން ފެންނަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އިސްކޮށް, ނަތީޖާ ފެންނާނެ ބަޖެޓެއްގެ ގޮތުގައި ކަމަށް މެމްބަރު އިއްބެ ވިދާޅުވިއެވެ. ޚާއްޞަކޮށް ގެދޮރުވެރިކަމަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ފަސް އަހަރު ބޯހިޔާވަހިކަމަށް ޚަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ ނަމަވެސް މިސަރުކާރުން އަންނަ އަހަރަށް އެކަނި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ރުފިޔާ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށްދޭން ހިމަނާފައިވާކަމަށް ވިދާޅުވިއެވެ.
ސިއްހަތާއި ތައުލީމާއި, އިޖުތިމާއީ ކަންކަންވެސް ބަޖެޓްގައި ހިމަނާފައިވާކަން ފާހަގަކުރައްވާ މެމްބަރު އިއްބެ ވިދާޅުވީ މުޅި ބަޖެޓުން ފެންނަނީ ރައްޔިތުން އިސްކޮށް, ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އަމާޒުހިފާފައިވާތަން ކަމަށެވެ.
" މިއީ ރައްޔިތުންނަށް ކުރާ ހެޔޮވެރިކަމަކީ, މިއީ ރައްޔިތުންނަށް ކޮށްދޭ ހެޔޮ ވެރިކަމަކީ. " އޭނާ ވިދާޅުވިއެވެ. މެމްބަރު އިބްރާހީމް ހުސައިން ވިދާޅުވީ މިއަދު މިއީ ބުއްދި އިސްކޮށް ގައުމާއި ރައްޔިތުންނަށް ހެވާއި ލާބަޔާއި މަންފާއަށްޓަކައި, މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
މީގެކުރިން ހުށަހެޅި ބަޖެޓްތަކާ ހިލާފަށް ކުރިއަށް އޮތް އަހަރަށް ހުށަހެޅި ބަޖެޓަކީ ވަރަށް ތަފްސީލީ ގޮތެއްގައި ލިބޭ ލޯނާއި, ލިބޭ އެހީއާއި, އެހެނިހެން ކަންކަން ހިމަނާފައިވާ ބަޖެޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުށަހަޅުއްވާފައި އޮތް ބަޖެޓަކީ ރައްޔިތުންގެ މަންދޫބުންނަށް ފާރަވެރިވާންވެސް ފަސޭހަ ނިޒާމެއްގެ ތެރެއިން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ. އެކަން މަޖިލިހުގެ ތަޅުމުގައި ފާހަގަ ނުކުރެއްވިޔަސް ތަޅުމުން ބޭރުގައި އިދިކޮޅު މެމްބަރުންވެސް ފާހަގަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިއެކްޝަންސް