މާލޭގެ ކަރަންޓަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު މަޝްރޫޢެއް!
ފޮޓޯ- ޕީއެސްއެމް ނިއުސް

މާލޭގެ ކަރަންޓަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު މަޝްރޫޢެއް!

8 hours ago - 11:49
Advertisement
Advertisement

މާލެ ސަރަޙައްދާއި ސްޓެލްކޯއިން ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ 222 މެގަވޮޓަށްވުރެ އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.


މާލެ ސަރަޙައްދާއި، އެ ސަރަޙައްދާ ކައިރީގައިވާ އަތޮޅުތަކުގެ އާބާދީ ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނައިރު، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސީ ޚިދުމަތަކީ ކަރަންޓުގެ ޚިދުމަތެވެ. މި ޚިދުމަތް އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއިން މިހާރު ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން މާލެ ކައިރީގައިވާ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި ކަރަންޓުގެ އިތުރުން ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އެ ކުންފުނިން ބަލަހައްޓަމުން ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.


މާލެ ސަރަހައްދަކީ ކަރަންޓުގެ ލޯޑު ނުވަތަ ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ތަނެއްކަން ފާހަގަކުރައްވާ ޑރ. އަޒުވަރު ވިދާޅުވީ، އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް މަތިވަމުންދާ ކަމަށެވެ. އެހެންކަމުން، މި އިތުރުވަމުންދާ ލޯޑަށް ކޭޓަރ ކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.


"މި ސަރަހައްދުގެ އިތުރުވަމުންދާ ލޯޑަށް ކޭޓަރ ކުރުމުގެ ގޮތުން މާލެ ސަރަހައްދަށް ބޮޑު ޕްރޮޖެކްޓެއް ގެންނަންޖެހޭ. އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،" ޑރ. އަޒުވަރު ވިދާޅުވިއެވެ.


ޚާއްޞަކޮށް ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ޕީކް ސީޒަނަށް ތައްޔާރުވުމަކީ ސްޓެލްކޯއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. މިގޮތުން ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމުގެ އިތުރުން، ކަރަންޓު ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ނެޓްވޯކް ވަރުގަދަކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.


ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވަނީ، ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ދެމުންދިޔަ ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. މިއީ އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ބަދަލެއް ކަމަށް ސްޓެލްކޯއިން ދެކެއެވެ. ސްޓެލްކޯގެ އަމާޒަކީ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement