ޝަހުޒާނުގެ ތުހުމަތުތައް ވަޒީރު އިހުސާނު ދޮގުކުރައްވައިފި، ގޮޅިން ފޯނެއް ފެނުނުކަން ހާމަކޮށްފި

ޝަހުޒާނުގެ ތުހުމަތުތައް ވަޒީރު އިހުސާނު ދޮގުކުރައްވައިފި، ގޮޅިން ފޯނެއް ފެނުނުކަން ހާމަކޮށްފި

5 hours ago - 15:29

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވެ، 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު މިނިވަންވި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނު، ޖަލުގައި އޭނާއަށް ކުރިމަތިވި ކަންކަމާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.


ޝަހުޒާނު ބުނެފައިވަނީ، އޭނާއާއި ލީވާން ތިބި ގޮޅިން ނެރެ ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން ކަމަށެވެ. ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އިހުސާނު ވަނީ އެ ތުހުމަތުތަކަކީ "ސައްތައިންސައްތަ ދޮގެއް" ކަމަށް ވިދާޅުވެ، ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ހާމަކުރައްވާފައެވެ.


ވަޒީރު ވިދާޅުވި ގޮތުގައި، މޭ 15، 2026 ވަނަ ދުވަހުގެ ރޭ 19:35 ހާއިރު، އަމިއްލަ ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ވަނީ ޝަހުޒާނާއި ލީވާން ތިބި ގޮޅި ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، އެ ދެ މީހުންގެ ހާޒިރުގައި، ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި އޮތް އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.


ޖަލަށް ފޯނު ފަދަ ތަކެތި ވެއްދުމަކީ މަނާކަމަކަށް ވާއިރު، އެފަދަ ކަމެއް ހިނގައިފިނަމަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަކީ ގަވާއިދުލާޒިމުކުރާ ކަމެކެވެ. އިހުސާނު ވިދާޅުވީ އެ ދެ މީހުން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން، އެ މީހުން މޮނިޓާކުރުމުގެ ބޭނުމުގައި ކަމަށެވެ.


"މިކަމަކީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި މީހަކު އަންގައިގެން ކުރި ކަމެއް ނޫން. އަދި ޖަލު ބެލެހެއްޓުމުގެ މިފަދަ ކަންކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއްވެސް ނޫން،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ވަޒީރުކަމުގައި ރައީސް މުޢިއްޒު ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމަށް އިރުޝާދެއް ދެއްވާފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ.


ވަޒީރު އިތުރަށް ވިދާޅުވީ، އެ ދެ މީހުން ވަކިކުރި ދުވަސްވަރު ތިން ނޫސްވެރިޔަކު މައުލޫމާތު ސާފުކުރަން ގުޅުމުން، ކަން ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށެވެ. ނަމަވެސް އެއްވެސް ނޫސްވެރިޔަކު އެ ހަގީގަތް ރިޕޯޓުކޮށްފައި ނުވާތީ، މިއަދު ޝަހުޒާނަށް ދޮގު ވާހަކަ ފެތުރުމުގެ ފުރުސަތު ލިބުނީ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ޖަލު ގޮޅިން ފޯނު ފެނުނު މައްސަލަ މިހާރު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow