ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 7 ވޯޓު ފޮށި ބެހެއްޓުމަށް އީސީ އިން ނިންމައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: 7 ވޯޓު ފޮށި ބެހެއްޓުމަށް އީސީ އިން ނިންމައިފި

34 minutes ago - 07:49

އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގައި ބަހައްޓާ 7 ފޮށީގެ ތެރެއިން 5 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އަދި ބާކީ 2 ފޮށި ބަހައްޓާނީ މާލޭގައެވެ.


ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނުގެ ތަފްސީލު ހާމަކުރަމުން އެ ކޮމިޝަނުން ބުނީ، އައްޑޫ ސިޓީ ހިތަދޫގައި ވޯޓުލުން ކުރިއަށްދާނީ ހިތަދޫ ސްކޫލްގެ ހޯލާއި އެ ސްކޫލްގެ ބައެއް ކްލާސްރޫމްތަކުގައި ކަމަށެވެ. މާލޭގައި ދިރިއުޅޭ މި ދާއިރާގެ ރައްޔިތުންނަށް ވޯޓުލުމަށް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ ދެކުނު އިމާރާތުގައެވެ. މީގެ އިތުރުން، ކޮންމެ ވޯޓުފޮއްޓަކަށް ވޯޓުލާނީ ކޮން ސަރަހައްދުތަކެއްގެ ގޭގޭގައި ރަޖިސްޓަރީވެފައިވާ މީހުންކަންވެސް ކޮމިޝަނުން ވަނީ މިހާރު ތަފްސީލުކޮށް އާންމުކޮށްފައެވެ.


ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. ޕީއެންސީގެ ޓިކެޓު ފުރަތަމަ ކާމިޔާބު ކުރެއްވި ކުރީގެ މެންބަރު މުހައްމަދު ސިނާނު އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިއުލާންކުރެއްވުމާ ގުޅިގެން، ޕާޓީން ވަނީ އަހުމަދު ސައީދަށް ޓިކެޓު ދީފައެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރައްވަނީ އަބްދުﷲ ސާދިގު (ސޯބެ) އެވެ. އެމްޑީޕީން ވެސް އަންނަނީ މި ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow