ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުމުގެ ޙައްޤު 4،114 މީހުންނަށް

ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުމުގެ ޙައްޤު 4،114 މީހުންނަށް

2 hours ago - 16:04

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 4،114 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.


އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަނުގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު ވަނީ ސަރުކާރުގެ ގެޒެޓާއި އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގައި އާންމުކޮށްފައެވެ. މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 27 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ.


މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީގައި މީހަކު އިތުރުކުރުން، އުނިކުރުން ނުވަތަ މައުލޫމާތަކަށް ބަދަލު ގެނައުމަށް ޝަކުވާ ހުށަހެޅޭނެއެވެ. ނަމަވެސް ޝަކުވާ ހުށަހަޅާއިރު، އެކަމުގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޔާންކުރައްވައެވެ.


މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކުރުމާ ގުޅިގެންނެވެ. މި ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު ހަމަވާނީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރު 3:00 އަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow