ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ސަޢޫދީ ޢަރަބިއްޔާގެ ރަދުން ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ "ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު" ގެ ފަރާތުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު މިއަދު ހަދިޔާކުރައްވައިފިއެވެ.
މި ތަކެތި ދިވެހި ސަރުކާރާ ރަސްމީކޮށް ޙަވާލުކުރުމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން ކަދުރު ހަދިޔާކޮށްދެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމްގަދަ ޔަޙްޔާ ބިން ޢަލީ އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ރަސްމީކޮށް ޙަވާލުވެލެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި އެހީއާ ގުޅޭގޮތުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ސަޢޫދީ ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި ރާއްޖެއަށް މި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އަދި އުޚުއްވަތްތެރި ގުޅުމުގެ ރަމްޒެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަޢޫދީ ސަރުކާރާއި ރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމަށްޓަކައި ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މިއަދު ހަދިޔާކުރި 50 ޓަނުގެ ކަދުރަކީ ކިންގް ސަލްމާން ރިލީފް ސެންޓަރުގެ އެހީއަކަށް ވީއިރު، މީގެ ކުރިންވެސް ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ކަދުރުތައް އެކި މުއައްސަސާތަކަށާއި ދާއިރާތަކަށް މިހާރު ބަހާފައެވެ.
ރިއެކްޝަންސް





