ކަނޑުމަގުން ރާއްޖެއަށް 6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް ގެންގުޅުމުގެ އިތުރުން، އެ ތަކެތިން ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ:
ޢިސްމާއީލް އަބާން ޢަބްދުﷲ (25އ)، މއ. ތަރިޖެހިއާގެ / މާލެ
އަޙްމަދު ދާން ފަރްހޫދު (19އ)، ސ. މަރަދޫ / ރަތްމާގެ
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. رާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް









