ޑްރޯންއިން ރާއްޖޭގެ ސިއްހީ އަދި އަސާސީ ހިދުމަތްތަކަށް ބޮޑު އިންގިލާބެއް ގެނެވިދާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

ޑްރޯންއިން ރާއްޖޭގެ ސިއްހީ އަދި އަސާސީ ހިދުމަތްތަކަށް ބޮޑު އިންގިލާބެއް ގެނެވިދާނެ: ޓްރާންސްޕޯޓް މިނިސްޓްރީ

11 minutes ago - 20:54
Advertisement
Advertisement

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ "އީވީޓޯލް" ޑްރޯން އަކީ ރާއްޖޭގެ އެކި ރަށްރަށަށް ސިއްހީ އަދި އަސާސީ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފިދާނެ އުޅަނދެއް ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.


އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ތިމާވެށްޓާ ރައްޓެހި އަދި އަޑުމަޑު ޒަމާނީ އުޅަނދެކެވެ. ދާދިފަހުން މި އުޅަނދު ހުޅުމާލޭގައި ދައްކާލާފައިވާއިރު، މި ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ ޖަޒީރާވަންތަ ގުދުރަތީ އޮނިގަނޑަށް ބަލާއިރު ވަރަށް މުހިންމު ހިދުމަތްތަކެއް ދެވިދާނެ ވަސީލަތެއް ކަމަށެވެ.


އެގޮތުން، އެއް ރަށުގެ ސިއްހީ މަރުކަޒުން އަނެއް ރަށެއްގައި ހުންނަ ލެބޯޓްރީތަކަށް ޓެސްޓު ސާމްޕަލްތައް އަވަހަށް ގެންދިއުމަށާއި، ބޭހާއި ވެކްސިން އަދި ފަރުވާއަށް ބޭނުންވާ މުހިންމު އެހެނިހެން ސާމާނު އުފުލުމަށް މި ޑްރޯން ބޭނުންކުރެވިދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން، ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި ފަސްޓް އެއިޑް ކިޓާއި ޒަރޫރީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، އެއާކްރާފްޓްގެ ޑިޒައިނަށް އެކަށީގެންވާ ބަދަލުތައް ގެނެސްގެން ބަލިމީހުން އުފުލުމަށް ވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް ބުނީ، މިއީ މިހާރު ދަތުރުފަތުރަށް ބޭނުންކުރާ ފެރީ، ލޯންޗު ނުވަތަ ޑޮމެސްޓިކް ފްލައިޓްތައް އެއްކޮށް ހުއްޓާލުމަށް ފަހު ބޭނުންކުރެވޭނެ އެއްޗަކަށް ނުވި ނަމަވެސް، މީގެ ސަބަބުން މިހާރުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔަކާއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވުމަކީ އިގްތިސާދީ ގޮތުން ވެސް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، އޭވިއޭޝަން ދާއިރާގެ ޕައިލެޓުންނާއި ޓެކްނީޝަނުންގެ އިތުރުން، މެއިންޓަނަންސް، ބެޓެރީ ޗާޖިން އަދި ސޮފްޓްވެއާ އުފެއްދުމުގެ ރޮނގުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ދެކެއެވެ.


ރާއްޖޭގައި އީވީޓޯލް އުޅަނދުތަކުގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އޮގަސްޓް 2024 ގައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ނިސްބަތްވާ ކެޕިޓަލް ވިންގްސް އަދި އެއާ ޝަޓޯ ޑީޑަބްލިއުސީއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.


"ޕްރޮޖެކްޓް އެލެވޭޓް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ 1،200 އަށް ވުރެ ގިނަ ރަށް އެއް ވިއުގައަކުން ގުޅުވާލުމެވެ. މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 ވާޓިޕޯޓާއި ޑްރޯންޕޯޓުގެ ވިއުގައެއް ގާއިމުކޮށް، ވައިގެ ޓެކްސީގެ ހިދުމަތާއި، މުދަލާއި ފަސިންޖަރުން ވައިގެ މަގުން އުފުލުމުގެ ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement