މީހުން އުފުލާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި ދައްކާލައިފި

މީހުން އުފުލާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި ދައްކާލައިފި

5 hours ago - 15:49
Advertisement
Advertisement

ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ކޫލްފްލައި" އިން އުފައްދާފައިވާ، މީހަކާއެކު ދަތުރުކުރާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި މިއަދު ރަސްމީކޮށް ދައްކާލައިފިއެވެ.


އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (އީވީޓޯލް) އަކީ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ އުޅަނދެކެވެ.


މި އުޅަނދު ދައްކާލުމުގެ ޚާއްޞަ ހަރަކާތް ބާއްވާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އަދި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެންނެވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅޭ ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި، މި އުޅަނދު ވައިގެ ތެރެއަށް އުދުއްސައި އަދި ކާމިޔާބުކަމާއެކު ބިމަށް ޖައްސާ މަންޒަރު ވަނީ އާންމުންނަށް ދައްކާލާފައެވެ. މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާއިރު، ބޮޑު ތަރުހީބެއް މިކަމަށް ވަނީ ލިބިގެން ގޮސްފައެވެ.


ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ދައްކާލުމުގެ ސަބަބުން ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށާއި، ވިޔަފާރިތަކަށް އަދި މި ދާއިރާގެ އެކި ހިއްސާދާރުންނަށް ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަތުމުގެ އަގުހުރި ފުރުސަތެއް ލިބިގެންދާނެއެވެ. މީގެއިތުރުން، މިފަދަ ޒަމާނީ އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓްކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި، ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އިންފްރާސްޓްރަކްޗަރ އަދި ބޭނުންވާ ފަންނީ ގާބިލުކަން ވަޒަންކުރުމަށްވެސް މި ހަރަކާތް މަގުފަހިކޮށްދޭނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.


ރާއްޖޭގެ ޖަޒީރާވަންތަ ތަބީއަތަށް ބަލާއިރު، މިފަދަ އުޅަނދުތަކުގެ ބޭނުން ވަރަށް މުހިންމު ދާއިރާތަކަކުން ހިފިދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް އަވަހަށް ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ކުއްލި ހާލަތްތަކުގައި މެޑިކަލް އިވެކުއޭޝަންތައް ކުރިއަށްގެންދިއުމުގެ އިތުރުން ތިމާވެއްޓާ ގުޅޭ އެކި އިންސްޕެކްޝަންތައް ހެދުމަށް މި އުޅަނދުތައް ބޭނުންކުރެވިދާނެއެވެ. ހަމައެއާއެކު، މިއީ ރާއްޖޭގައި އައު ސިނާއަތްތައް އުފެދި، ޒުވާނުންނަށް ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.


މި ހަރަކާތަކީ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކުރެވުނު މަޝްވަރާތަކަށްފަހު، ރާއްޖެއާއި ޗައިނާއާ ދެމެދު އިތުރުވަމުންދާ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުމުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު ފިޔަވަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ދަތުރުފަތުރުގެ ދާއިރާއަށް ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތައް ތައާރަފުކުރުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement