ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް؛ މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދީފި
ށަވިޔަނީ ޅައިމަގަށް މިއަދު ހެނދުނު އެރި ބާރުގަދަ ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، މި ހާދިސާގައި ޅައިމަގުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ވައިގަދަވެ ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާތީ، އެ މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެންޑީއެމްއޭ އިން އިތުރަށް ބުނީ، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމުގެ މަސައްކަތް ޅައިމަގު ކައުންސިލާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެފައިވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން މިއަދުގެ އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް





