ހިޔާވަހި ފައިނޭންސް ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ހިޔާވަހި ފައިނޭންސް ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

22 hours ago - 22:47
Advertisement
Advertisement

އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށާއި ހުރި ގެދޮރު މަރާމާތުކުރުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ "ހިޔާވަހި ފައިނޭންސް ސްކީމް" އާ ގުޅިގެން ޢާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 12 ވަނަ ޕްރޮގްރާމްގެ ތެރެއިން ޢާންމު ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ ބައިވެރިޔާ ވަނީ މި ސްކީމުގެ ދަށުން ލިބުނު ފައިސާގެ ޢަދަދު ކަނޑައެޅި މިންވަރަށްވުރެ ކުޑަވުމާއި، ލޯނު ދޫކުރުމުގެ މަރުޙަލާ ލަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ރައީސާ ހިއްސާކޮށްފައެވެ.


އެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، އެއީ ރަނގަޅު ޙައްލެއް ލިބެންޖެހޭ ކަމެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެ މައްސަލަ ޚާއްޞަ އިސްކަމެއް ދެއްވައިގެން ބައްލަވާނެ ކަމަށެވެ.


ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، "ހިޔާވަހި ފައިނޭންސް ސްކީމް" ގެ ދަށުން މިހާތަނަށް 891 ފަރާތަކަށް ލޯނު ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 244 ފަރާތަކަށް ވަނީ ޢަމަލީ ގޮތުން ލޯނުގެ ފައިސާ ދޫކޮށްފައެވެ.


މި ސްކީމުގެ ދަށުން މައިގަނޑު ތިން ކެޓަގަރީއަކުން ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭ ސަރަޙައްދަށް ޚާއްޞަކޮށް 6 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ލިބޭ "ފަހިމާލެ" ލޯނާއި، އާބަން ސެންޓަރުތަކާއި އަތޮޅުތެރޭގެ ސިޓީތަކަށް ޚާއްޞަކޮށް 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ "ސަހަރު" ލޯނުގެ އިތުރުން، އެހެނިހެން ރަށްރަށަށް ޚާއްޞަކޮށްގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ "ރަށްވެހި" ލޯނެވެ.


ސަރުކާރުން އަމާޒު ހިފާފައިވަނީ މި ސްކީމުގެ ތެރެއިން އަހަރަކު ޖުމްލަ ދެ ބިލިއަން ރުފިޔާ ދޫކުރުމަށެވެ. މީގެ ތެރެއިން އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަމަޖައްސާއިރު، އަނެއް އެއް ބިލިއަން ރުފިޔާ ހަމަޖައްސަނީ ބޭންކުތައް މެދުވެރިކޮށެވެ. މުޅި މި ސްކީމަކީ އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭގޮތަށް، އެންމެ ފަސް އިންސައްތައިގެ ކުޑަ ފައިދާއެއްގައި އަދި އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބޭ ގޮތަށް އެކުލަވާލާފައިވާ ލުއި ސްކީމެކެވެ.

                    

                   

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement