
ރައީސްގެ ލީޑަރޝިޕްގެ ދަށުން މެދުއިރުމަތީގެ މަޞްރަޙް މި ދަނީ ދިރާސާ ކުރަމުން: މާލީ ވަޒީރު
ރާއްޖެއަށް އެކަމުން ކުރާނެ އަސަރު ދެނެގަނެ ފިޔަވަޅުތައް އަޅާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން މެދުއިރުމަތީގެ މަޞްރަޙް ދިރާސާކުރަމުންދާކަަމަށް ފިނޭންސް މިނިސްޓަރ, މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރޭ އީރާނުން ޤަތަރުގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒަށް ދިން ރައްދު ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަޞްރަޙް ގޯސްވެ, ގިނަ ޤަމުތަކެއްގެ ވައިގެ ސަރަައްހަދު ބަންދުކޮށްފައި ވާތީ އެކަމުން ރާއްޖެއަށް ކުރާނެ އަސަރު ދެނެގަންނަން މަސައްކަތް ކުުރައްވާކަމަށް ވަޒީރު ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މެދުއިރުމަތީގެ މަޞްރަހާ ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް, ހާއްސަކޮށް ހަކަތައިގެ ބާޒާރާއި, ކާނާގެ ރައްކާތެރިކަމާ ގުޅޭ ކަންކަމާއި, އަދި ޖުމްލަ ގޮތެއްގައި އެކަމުގެ ސަބަބުން ދިމާވާނެ މާލި ގޮންޖެހުންތަކާ ގުޅޭ ކަންކަން ބަލާ ދިރާސާ ކުރަމުން މިދަނީ" އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަޒީރު ވިދާޅުވެފައި ވެެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގުުޅުންހުރި އިދާރާތަކާއެކު އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާކެޓްގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި, އިންފްލޭޝަނަށް އަންނަ ބަދަލުތަކާއި މީގެ އިތުރުންވެސް ވިޔަވާރީގެ މަގުތަކަށް އަންނަ ލޮޅުންތަކުގެ އަސަރުވެސް ބަލަމުން ދާ ކަމަށެވެ.
ރާއްޖެއަކީ މެދުއިރުމަތީގެ ގިނަ އެއަރޕޯޓްތަކެއް މެދުވެރިކޮށް ވިލާތުންނާއި އެމެރިކާ ބައްރުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ ޤައުމެކެވެ. ދުވާލަކު އެތައް ފަލްއިޓެއް ޤަތަރު, ޔޫއޭއީ އަދި ބަހްރެއިން އިންވެސް ރާއްޖެއަށް ދަތުރުކުރެއެވެ.
މިމަހު 13 ވަނަ ދުވަހު އިޒްރާއިލްއިން އީރާނާ ދެކޮޅަށް ދޭންފެށި ކުއްލި ހަމަލާތަކާއެކު އެމެރިކާއިން ހަނަގުރާމައިގެ ތެރެއަށް ވަދެ, އީރާނަށް ދިން ހަމަލާތަކާއެކު މަޞްރަހް އިންތިހާއަށް ގޯސްވެ, ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދުނިޔޭގެ ބާޒާރަށް ނެރޭ ހޯމޫޒް ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރާނީ އީރާނުގެ ސްޕްރީމް ކައުންސިލުން އެ ނިންމުމަށް އަމަލުކުރަން ނިންމުމުންނެވެ.
ވަޒީޒުގެ ޕޯސްޓް ނިންމާލަމުން ވަނީ ރާއްޖޭގެ މަޞްލަހަތާއި ރައްކާތެރިކަން ކަށާވަރުކުރުމަށް އަަބަދުވެސް ތައްޔާރަށްތިބި ކަމަށް ވިދާޅުވެފައެވެ.
ރިއެކްޝަންސް






