މަސްވެރިންގެ ދުވަސް ފާހަގަކުރަން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި
މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މުބާރާތް ހުޅުވާލީ ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ދަށުން ރަޖިސްޓަރކޮށްފައިވާ ނުވަތަ އަމިއްލަގޮތުން ރަޖިސްޓަރކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
މުބާރާތުގައި ބައިވެރިވާން ދީފައިވާ ސުންގަނޑި އަކީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިއެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މިއީ ވާދަވެރި މާހައުލެއްގައި މަސްވެރިކަން ކުރުމާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.
މުބާރާތުގެ އެއްވަނަ ޓީމަށް ކަނޑައަޅާފައިވަނީ 25,000 ރުފިޔާ އެވެ. ދެވަނަ ޓީމަށް 20,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 1500 ރުފިޔާ އެވެ. މީގެއިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަށް 2000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެނީ އެންމެ ފުރަތަމަ ހުށަހަޅާ ޝަރުތު ހަމަވާ 20 ޓީމަށެވެ. މުބާރާތުގެ ރަޖިސްޓްރޭޝަނަށް 1000 ރުފިޔާގެ ފީއެއް ނަގައެވެ.
މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތު އޮންނާނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައެވެ. މުބާރާތުގެ ގަވާއިދާއި, ޕޮއިންޓް ދޭގޮތް މިނިސްޓްރީން ވަނީ ގެޒެޓްކޮށްފައެވެ.
ރިއެކްޝަންސް