މާލެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، މުހައްމަދު ރަޝީދު (49އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 3 ވަނަ ދުވަހު ސިނަމާލެ ފުލެޓް ސަރަޙައްދުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މުހައްމަދު ރަޝީދު ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ސައިކަލެއް ބަލައިފާސްކުރުމަށްފަހު، ފުލުހުން ވަނީ އެ ދެ ސައިކަލު ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސްދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް





