
ކުށްކުރާ ގްރޫޕްތަކުން ނުހައްގު މުއްސަނދިކަމުން ހޯދާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ
ކުށްކުރާ ގްރޫޕްތަކުން ނުހައްގު މުއްސަނދިކަމުން ހޯދާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އެޚިދުމަތުން މިކަން ބަޔާންކޮށް މިއަދު ނޫސްބަޔާނެއް ނެރުނޫ ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.
އެގާނޫނަށް އިޝާރާތްކޮށް ފުލުހުން ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގުކޮށް, ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕްތަކުން ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓް ކުރާ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށެވެ.
އިންތިޒާމްވެގެން ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް, އެސަރަހައްދުގައި ތިބޭ ފަރާތްތައް ބަލާ ފާސްކުރަމުން ދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުން އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް, ބަލާ ފާސްކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާނެ ފިޔަވަޅުތަކެއް ކަމަށެވެ.
ރިއެކްޝަންސް






