4 އަހަރުގެ ހުކުމާއެކު ފެނަކަ ސައީދު ޖަލަށް!
ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު (ފެނަކަ ސައީދު) ގެ މައްޗަށް ކްރިމިނަލް ކޯޓުން 4 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު އޭނާ ޖަލަށް ގެންގޮސްފިއެވެ.
ސައީދުގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެގެންނެވެ. އެއީ 2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބުނާ މަސައްކަތްތައް ފުރިހަމަކޮށް, މަސައްކަތް ނިންމިކަމުގެ ލިޔުން ހުށަނާޅަނީސް އަދި މަސައްކަތްކުރިކަން ކަށަވަރުނުކޮށް, އެކުންފުންޏާއެކު ޖެހިގެން އައި އަހަރު އިތުރު އެއްބަސްވުމެއް ހަދާ އެކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާތީ ކަމަށް ޝަރީއަޓް ނިންމި ގޮތުގެ ރިޕޯރޓްގައި ބުނެފައި ވެއެވެ.
ހުކުމުގައި ބުނަނީ ދައުލަތުން ކުރި ދައުވާއަށް އަހުމަދު ސައީދު އިންކާރު ކުރިނަމަވެސް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކުރާއިރު އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސައީދުގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ.
ކޯޓުން ހުކުމް ކުރީ ކުށަށް ދެވޭ އެންމެ ބޮޑު އަދަބު ކަމަށްވާ 4 އަހަރަށް ޖަލަށް ލުމަށެވެ. މައްސަލަ ބަލާ ހުކުމް އިއްވީ އިސް ގާޟީ އާދަމް މުޙައްމަދެވެ.
ސައީދުގެ މައްޗަށް ހުކުމް އިއްވިއިރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން މީގެ ދެދުވަސް ކުރިން ޢާއްމުކުރި އެކުންފުނީގެ ރިޕޯރޓްގައި ވަނީ ހިޔާނާތާއި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.
ރިއެކްޝަންސް









