"އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިރޭ ސަލްޓަންޕާކްގައި
"އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރަތަމަ ފޯރަމް މިރޭ ސަލްޓަންޕާކްގައި އޮންނާނެ
"އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމްތަކުގެ ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ ސަލްޓަންޕާކްގައި އޮންނާނެއެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް.) ގުޅިގެން ބާއްވާ ފޯރަމެކެވެ.
މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު، އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ އިއުލާން ކުރައްވާފައެވެ.
ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.
މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.
މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.
ރިއެކްޝަންސް