
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން އެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢަކީ އުތުރުގެ ރަށްތަކަށް ޚާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެކަމަށާއި، އަދި ތަރުކާރިއާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ވަސީލަތްތައްވެސް ޤާއިމުކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުވެ، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ ބިޔަ ބޮޑު އެއް މަޝްރޫޢުވެސް މެއެވެ.
ރިއެކްޝަންސް






