
ބަންޑާރަނައިބު އޮފީހުގެ ގާނޫނުގެ ސަބަބުން ނުފޫޒުތަކުން އެއްކިބާވެ ޤާނޫނަށް ތަބާވާ މިންވަރު އެތައްގުނައެއް އިތުރުވޭ- ބަންޑާރަނައިބު
އަލިމަސް ޔޫބީލް ހަނދާނީ ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ
ބަންޑާރަނައިބު އޮފީހުގެ ގާނޫނުގެ ސަބަބުން ނުފޫޒުތަކުން އެއްކިބާވެ, ޤާނޫނަށް ތަބާވާ މިންވަރު އެތައްގުނައެއް އިތުރުވާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ބަންޑާރަނައިބު އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރަން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަކީ 2009 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަން ހަގީގަތަކަށްވެ އަމަލީ ސިފަ އައީ މިދައުރުގައިކަން ފާހަގަކުރައްވާ ރައީސް ޑރ.މުޙައްމަދު މުއިއްޒު އަށް ޝުކުރު އަދާކުރެއްވިއެވެ.
އުޝާމް ވިދާޅުވީ ބަންޑާރަނައިބު އޮފީހުގެ ގާނޫނުގެ ސަބަބުން ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް ވަކިއަތަކަށް ނުޖެހި ނުފޫޒުތަކުން އެއްކިބާވެ, ހަމައެކަނި ޤާނޫނުއަސާސީ އަށާއި, ޤާނޫނަށް ތަބާވެގެން ކުރުމަށް ބާރުއަޅާ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ.
ރައީސް ޑރ.މުއިއްޒުގެ މިނިނެމްވުމުން ހާމަކޮށްދެނީ ރައީސްގެ އިހުލާސްތެތިކަމާއި, ޤާނޫނުއަސާސީއަށް ދެއްވާ މަތީ ދަރަޖަކަމަށް އުޝާމް ވިދާޅުވިއެވެ. ބަންޑާރަނައިބު އޮފީހުގެ ޤާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ޤާނޫނުގެ ސަބަބުން އޮފީހަށް އިންގިލާބީ ބަދަލުތަކެއް އައިސް މުވައްޒަފުންނަށް އެތައް މަންފާއެއް ލިބޭނެކަމަށެވެ.
ބަންޑާރަނައިބު އޮފީހަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެ އޮފީހަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް، އިނާމް ދެއްވިއެވެ. އަދި ބަންޑާރަނައިބުގެ އޮފީހަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށްވެސް އިނާމް ދެއްވިއެވެ.
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުން ޝާއިޢުކުރެއްވި "އަލިމަސް ޔޫބީލް ހަނދާނީ ފޮތް" ނެރެދެއްވައި، ބަންޑާރަނައިބުގެ އޮފީހުގެ އައު ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިފްތިތާޙްކޮށްދެއްވިއެވެ.
ރިއެކްޝަންސް






