ރުހުން ނެތި ގުނަވަން ނެގުމާއި ވިޔަފާރިކޮށްފިނަމަ ބޮޑެތި އަދަބުތަކެއް!
އޮޕަރޭޝަނެއްގެ ތެރެއިިން-

ރުހުން ނެތި ގުނަވަން ނެގުމާއި ވިޔަފާރިކޮށްފިނަމަ ބޮޑެތި އަދަބުތަކެއް!

16 hours ago - 09:11
Jul 24, 2026 - 09:34
Advertisement
Advertisement

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންސާނުންގެ ގުނަވަންތައް ބަދަލުކުރުމާ (ޓްރާންސްޕްލާންޓް ކުރުމާ) ބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވާލައި، އެކަމަށް މަގުފަހިކޮށްފިއެވެ. މި ޤާނޫނުގައި ގުނަވަން ބަދަލުކުރުމުގެ ޝަރުސުތަކާއި، ޚިދުމަތް ދިނުމުގެ ލައިސަންސް ހޯދުމުގެ އުޞޫލުތަކުގެ އިތުރުން، މިކަމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގައިފިނަމަ ދެވޭނެ ހަރުކަށި އަދަބުތައް ވަނީ ތަފްޞީލުކޮށްފައެވެ.


މި ޤާނޫނުގެ ދަށުން ހުއްދަކުރަނީ "ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ނުވަތަ ދިރިހުރި މީހެއްގެ ހަށިގަނޑުން ގުނަވަން ހަދިޔާކޮށްގެން ބަދަލުކުރުމަށެވެ. ނަމަވެސް، މަރުވުމަށްފަހު ގުނަވަން ހަދިޔާކުރާ "ޑިސީސްޑް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ކުރުމަކީ މި ޤާނޫނުގެ ދަށުން މަނާކަމެކެވެ.


ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަދެނީ ދެ ގުނަވަން ހުންނަ ގުނަވަންތަކުގެ ތެރެއިން އެކެއް ނެގުމަށާއި، ހަށިގަނޑުގައި އަމިއްލައަށް އަލުން އުފެދޭ (ރީޖަނަރޭޓްވާ) ގުނަވަންތަކުން ބައެއް ނެގުމަށެވެ. އެހެންނަމަވެސް، އޯވަރީ ނުވަތަ ޓެސްޓިކަލް ފަދަ ގުނަވަންތައް ބަދަލުކުރުމަކީ މަނާކަމެކެވެ.
ގުނަވަން ހަދިޔާކުރާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުސުތައް:

ދިވެހި ރައްޔިތަކަށް ވުން.
އުމުރުން 18 އަހަރު ފުރިފައިވުން.
އަމިއްލަ އިޚްތިޔާރުގައި، އެކަމުގެ ނަތީޖާއާއި މެޑިކަލް ރިސްކުތައް ރަނގަޅަށް ދެނެގަނެ، ރުހުން ދިނުން.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވުން.
ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށް ނުވަތަ ޝަރުޢީ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކަށް ނުވުން.

މި ޤާނޫނުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުން އޮތް ފަރާތްތަކުގެ މެދުގައި ގުނަވަން ބަދަލުކުރުމަށެވެ. ގުނަވަން ހަދިޔާކޮށްގެން އެއްވެސް ބާވަތެއްގެ މާލީ ނުވަތަ އެނޫންވެސް މަންފާއެއް ލިބިގަތުމަކީ މަނާކަމެކެވެ. މިފަދަ ޢަމަލުތައް ބެލެވޭނީ "ގުނަވަނުގެ ވިޔަފާރި" ކުރުން ކަމަށާއި، އެކަމަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.
ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ދެވޭނެ އަދަބުތައް:


ރުހުމާ ނުލައި ގުނަވަން ނެގުން ނުވަތަ ޓްރާންސްޕްލާންޓް ކުރުން:

އާންމު ފަރާތްތަކަށް: 150,000 އާއި 250,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަދި 12 މަހާއި 18 މަހާ ދެމެދުގެ ޖަލު ޙުކުމެއް.
ޞިއްޙީ މަރުކަޒުތަކަށް: 750,000 އާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.
އެހީތެރިވާ ފަރާތްތަކަށް: 75,000 އާއި 100,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.

ޞިއްޙީ ޚިދުމަތްތެރިންނާއި މަރުކަޒުތަކުގެ ޒިންމާ:

ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ޞިއްޙީ ޚިދުމަތްތެރިން: 250,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.
އެފަދަ ކަމެއް ހިނގި ޞިއްޙީ މަރުކަޒު: 500,000 އާއި 750,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.

ގުނަވަން ގަނެވިއްކުން (ވިޔަފާރިކުރުން):

ގަނެވިއްކާ ފަރާތްތަކަށް: 75,000 އާއި 150,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަދި 6 މަހާއި 12 މަހާ ދެމެދުގެ ޖަލު ޙުކުމެއް.
އެހީތެރިވާ ޞިއްޙީ ޚިދުމަތްތެރިންނަށް: 100,000 އާއި 250,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަދި 12 މަހާއި 18 މަހާ ދެމެދުގެ ޖަލު ޙުކުމެއް.
އެހީތެރިވާ ޞިއްޙީ މަރުކަޒުތަކަށް: 250,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.

ހުށަހެޅުންތަކާއި އެހެނިހެން ކުށްތައް:

ގުނަވަން ގަންނަން ނުވަތަ ވިއްކަން ހުށަހެޅުން: 50,000 އާއި 75,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަދި 15 ދުވަހާއި 1 މަހާ ދެމެދުގެ ޖަލު ޙުކުމެއް.
ހުއްދަނެތި ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ޚިދުމަތް ދިނުން: 2 މިލިއަނާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.
އޮޅުވާލައިގެން ނުވަތަ ސައްޙަ ނޫން މަޢުލޫމާތު ހުށަހެޅުން: 1 މިލިއަނާއި 2 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.


                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement