އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ނަޝީދު

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ނަޝީދު

3 hours ago - 18:21

ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ގުޅުވައިގެން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށާއި، އޭގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާ ގުޅިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ހިމެނޭހެން ބައެއް ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.


މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި މިހާރު ހުރި އަދި ކުރިއަށް އޮތްތަނުގައި އަންނަން ހުރި ޔޫއޭއީގެ އިންވެސްޓްމަންޓްތައް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު އިންޒާރު ދެއްވިއެވެ.


ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢާ ގުޅޭގޮތުން އެމްޑީޕީން މީގެކުރިން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދިނުމަށް ހިންގާ މުޢާމަލާތުގައި ސަރުކާރުން ކަންކަން ހާމަކުރުމުގައި ދެފުށް ފެންނަ ގޮތެއް ނެތް ކަމުގެ ޝަކުވާއެވެ. ސަރުކާރުންނާއި އެ ކުންފުނިން ހާމަކުރާ މަޢުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް، ރާއްޖެއަށް ފައިދާހުރި މަޝްރޫޢެއް ނަމަ ތަފްޞީލު ހާމަކުރަން ފަސްޖެހެންވީ ސަބަބެއް ނެތް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.


ނަމަވެސް، މި ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަށް އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވަނީ ކޮންޓްރެކްޓް ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވޯކް ހިމެނޭ "ކޮމާޝަލް ޓަރމްސް" އެއްބަސްވުމުގައެވެ. އަދި މި މުޢާމަލާތް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫޢުތަކުގެ އުޞޫލުގެ ދަށުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ހައުސިންގ މިނިސްޓްރީން އިތުރަށް ބަޔާންކުރި ގޮތުގައި، ރަސްމާލޭގެ އެއްވެސް ބިމެއް އޮޓޮމެޓިކުން މުއްދަތު އިތުރުވާގޮތަށް ނުވަތަ މިލްކުވާ ގޮތަކަށް އެއްބަސްވެފައެއް ނުވެއެވެ. މި އެއްބަސްވުމުގެ ދަށުން ބިމުގެ ޕްރީމިއަމްގެ ގޮތުގައި އީގަލް ހިލްސްގެ ޖުމްލަ އާމްދަނީން 10 އިންސައްތަ ދައުލަތަށް ލިބޭނެ ކަމަށާއި، ބިމުގެ ލީސް އަދި ޕްރީމިއަމްގެ ގޮތުގައި ޖުމްލަ 3 ބިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ސަރުކާރުން ބުނެއެވެ. މީގެއިތުރުން، އެ އަދަދުގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދޭ 500 މިލިއަން ޑޮލަރު ޚަރަދުކުރަން ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންނަށް އަމާޒުކޮށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow