ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އައު މެންބަރަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އައު މެންބަރަކު އައްޔަންކުރައްވައިފި

2 days ago - 11:52
Apr 16, 2026 - 21:18

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ.


މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ވަޒީރުންގެ މަޖިލީހަށް އަލަށް އައްޔަންކުރެއްވި މެންބަރަށް މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި ވަޒީރުކަމުގެ ހުވައި ކުރެއްވުން އޮތެވެ. ހުވައި ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅާއަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.


މި އައްޔަންކުރެއްވުމަކީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލެކެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.


ވަޒީރުންގެ މަޖިލީހަށް މި ގެނެވުނު ބަދަލާއެކު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow