ޒުވާނުން ބާކީވިޔަނުދީ ޤައުމީ ޚިދުމަތަށް ނެރުން މުހިންމު: މެންބަރު އިއްބެ
ރާއްޖޭގެ ޒުވާނުން ބިކަވެ، މަގުމަތިވަމުންދާ ދިޔުމަށް ހައްލެއް ހޯދައިދީ، އެކުދިންނަކީ ގައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށްޓަކައި "ވަތަނީ ޚިދުމަތުގެ ބިލް" އަކީ ކޮންމެހެން މުހިންމު ބިލެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހެޅުއްވި މި ބިލަށް ބަހުސް ކުރައްވަމުން މެންބަރު އިއްބެ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އިވުނު އެއް ޝަކުވާއަކީ ޒުވާނުން ބިކަވަމުންދާ ވާހަކަ ކަމަށެވެ. އަދި އެތައް މައިންބަފައިންނެއް އެކަމުގެ ހިތާމައިގައި އާދޭސް ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި ގައުމުގެ ޒުވާނުން މިހާރު ތިބި ބިކަ ހާލުގައި ބޭކާރުވާ ތަން ފެނިގެންދޭ. އެކަމަށް ހައްލު ގެނައުމަށް އެތަކެއް މައިންބަފައިން އާދޭސް ކުރަމުންދޭ. އެހެންކަމުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި ބިލު ހުށަހެޅުމަކީ ޒުވާނުންނަށް އާ އުންމީދެއް ލިބިގެންދިޔަ ކަމެއް" " މެންބަރު ވިދާޅުވިއެވެ.
މެންބަރުގެ ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތް ފަދަ މުއައްސަސާތަކަށް ވަނުމަށް އޮންނަ ބައެއް ހުރަސްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އޯލެވެލް ނިންމާފައި އެދެވޭ ނަތީޖާއެއް ނުލިބޭ ކުދިންނަށް ފުރުސަތުތައް ބަންދުވެފައި އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ކޮމިޓީ މަރުހަލާގައި މި ބިލަށް އިސްލާހު ގެނެސް، ވީހާވެސް ގިނަ ޒުވާނުންނަށް ފުރުސަތު ލިބޭނެ ގޮތަކަށް ބިލު ފަރުމާކުރުމަށް މެންބަރު އިއްބެ ގޮވާލެއްވިއެވެ.
މީގެ އިތުރުން، ޒުވާނުންނާ ގުޅޭ މިފަދަ ހައްސާސް ބިލެއްގެ ބަހުސް ހިނގަމުންދާއިރު، މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރަކު ނެތުމަކީ ޒުވާނުންނަށް އެ ޕާޓީގެ އެއްވެސް ތާއީދެއް ނެތް ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ އިއްބެ ވަނީ ފާޑުވިދާޅުވެފައެވެ.
ބިލު ހުށަހެޅި ސަބަބަކީ ދައުލަތުގެ ޔުނިފޯމް އެޅި ޚިދުމަތްތަކުގައި، ޚާއްޞަކޮށް އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރިކުރުވައި ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމުގެ ގޮތުން، މަސައްކަތުގެ ދާއިރާތަކުގައި ޚިދުމަތްކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ޤާބިލުކަން އަށަގެންނެވުމަށްޓަކައި، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމެއް ތަޢާރުފުކޮށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ފަރުމާކޮށް ހިންގުންކަމަށެވެ.
ޕްރޮގްރާމުގެ މައިގަނޑު އަސާސްތައް ކަނޑައަޅައި، ޕްރޮގްރާމުގައި ބައިވެރިވުމާއި ޕްރޮގްރާމުގެ ދަށުން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުޞަތުތައް ބަޔާންކޮށް، އެނޫންވެސް ޕްރޮގްރާމް ހިންގައި ތަންފީޛުކުރުމުގެ ހަމަތައް ބަޔާންކުރުމަކީ މި ބިލުގެ މަގުސަދުކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
ބިލުގައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް، ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅިދާނެކަމަށެވެ. ޢުމުރުން 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ފަރާތުން ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކުއެގައި ކަމަސް ވަނި ބަޔާންކޮށްފައެވެ.
މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ޒުވާނުން އެ ޕްރޮގްރާމުގައި ބައިވެރިކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދާ މެޑިކަލް އެސެސްމަންޓް ފުރިހަމަކޮށް، އެ އެސެސްމަންޓުން ފާސްވުމުންކަމަށް ވަނީ ބަޔާންކޮށްފައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި އެންރޯލްކުރެވި، އެ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ޒުވާނުން ޕްރޮގްރާމް ފުރިހަމަކުރުމުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ޤާބިލުކަން އެ ޒުވާނެއްގެ ކިބައިގައި ނެތްކަމަށް ކަނޑައެޅިއްޖެނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން، އެ މީހުން ޕްރޮގްރާމުން ވަކިކުރަންވާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަސާސީ ތަޢުލީމާއި ތަމްރީނުގެ މުއްދަތުގައި ހުރުމާއި ކެއުމާއި ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ޚަރަދު ދިފާޢީ ވުޒާރާއިން ހަމަޖައްސައިދޭންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު އެކަށީގެންވާ އިނާޔަތެއްވެސް ދޭންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ އަސާސީ ތަޢުލީމާއި ތަމްރީން ފުރިހަމަ ކުރާ ޒުވާނުން ޔުނިފޯމް އެޅި ޚިދުމަތެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. މި މަސައްކަތުގެ މުއްދަތު އެއް އަހަރަށްވުރެ ދިގުނުވާ ގޮތަށް ވަކި ޚިދުމަތެއް ކަނޑައަޅާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލާ ގަވަރނިން ކައުންސިލުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަސައްކަތުގެ މުއްދަތު ހަމަވުމުން ޔުނިފޯމު އެޅި ޚިދުމަތްތަކަށް އެ ޒުވާނުންނަށް ވަޒީފާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ރިއެކްޝަންސް

