ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވަޒީރުން މިރޭ ހުވާކުރައްވައިފި
ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ކެބިނެޓް އަލުން އެކުލަވާލައްވައިފިއެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ ކެބިނެޓުގެ 10 ވަޒީރުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
ކެބިނެޓް އަލުން އެކުލަވާލުމަށްޓަކައި ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، އަލަށް އައްޔަންކުރެއްވި ވަޒީރުން ވަނީ މަގާމުގެ ހުވާ ކުރައްވައި، ފަތްކޮޅު އަރުވައިފައެވެ. މި ފަހަރުގެ ބަދަލާއެކު ބައެއް މިނިސްޓްރީތައް ވަނީ އެއްކޮށްލާފައެވެ.
އަލަށް އެކުލަވާލި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި އެ ބޭފުޅުންގެ ވުޒާރާތަކަކީ:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު: މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު: އަލީ އިހްސާން
- ފޮރިން މިނިސްޓަރު: އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު: ގީލާ އަލީ
- އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު: މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް މިނިސްޓަރު: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޓް ސިވިލް އޭވިއޭޝަން މިނިސްޓަރު: މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު: ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރު: ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު: އަލީ ޝަރީފް
- އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
- ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރު: އަބްދުﷲ ރާފިއު
މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.
ރިއެކްޝަންސް

