މަޝްރޫޢުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: ވަޒީރު މުއްޠަލިބު

މަޝްރޫޢުތައް ނިންމަން 58 ބިލިއަން ރުފިޔާ ބޭނުންވޭ: ވަޒީރު މުއްޠަލިބު

6 hours ago - 21:31

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެށިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އެއްކޮށް ފުރިހަމަކުރުމަށްޓަކައި ގާތްގަނޑަކަށް 58 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވައިފިއެވެ.


ވަޒީރު މިކަން ހާމަކުރެއްވީ، އެ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ހިނގާނެ ޖުމްލަ ޚަރަދާއި، މި އަހަރުގެ ދަޢުލަތުގެ ބަޖެޓުން އެކަމަށް ކަނޑައެޅިފައިވާ މިންވަރު ސާފުކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.


ވަޒީރު ޑރ. މުއްޠަލިބުގެ ޖަވާބުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރު ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް ޖުމްލަ 58,831,473,267 (ފަންސާސް އަށް ބިލިއަން، އަށްސަތޭކަ އެއްތިރީސް މިލިއަން، ހަތަރު ލައްކަ ހަތްދިހަ ތިންހާސް، ދުއިސައްތަ ފަސްދޮޅަސް ހަތް) ރުފިޔާ ބޭނުންވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އަދި މި އަހަރަށް ފާސްކޮށްފައިވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށްވާތީ، ވަކިވަކި މަޝްރޫޢުތަކަށް ވަކި ޢަދަދެއް ކަނޑައެޅިފައި ނުވާ ކަމަށާއި، މަޝްރޫޢުތައް ކުރިއަށްދާ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ހަމަޖައްސައިދެމުން ގެންދަނީ މާލީ ވުޒާރާއިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


މި ހިނގާ އަހަރަށް ރައްޔިތުންގެ މަޖިލީހުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މިހާތަނަށް އޭގެ ތެރެއިން 4.8 ބިލިއަން ރުފިޔާ ވަނީ މަޝްރޫޢުތަކަށް ޚަރަދުކޮށްފައެވެ.


ޕީއެސްއައިޕީގެ ދަށުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރާ ގުޅުންހުރި މަޝްރޫޢުތަކަށެވެ. އެގޮތުން، ދަތުރުފަތުރުގެ ދާއިރާއަށް ކަނޑައެޅި 2.3 ބިލިއަން ރުފިޔާގެ ތެރެއިން 1.9 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ހޭދަކޮށްފައެވެ. މި ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ޚާއްޞަކޮށްފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ކަމަށްވާއިރު، އެ މަޝްރޫޢަށް 798 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މަގުހެދުމުގެ މަޝްރޫޢުތަކަށް 556 މިލިއަން ރުފިޔާ އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 393 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow