އައްޑޫސިޓީ ކައުންސިލުން ދަނީ ސަރުކާރަށް ތަކުރާރުކޮށް ޖެެއްސުން ކުރަމުން: އެމްޕީ ނިޒާރު
އައްޑޫ ސިޓީ ކައުންސިލުން ތަކުރާރުކޮށް ސަރުކާރަށް ޖެއްސުންކޮށް، ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅަމުންދާ ކަމަށް ފޭދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު އިއްސެ ވިދާޅުވީ، އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު އަލީ ނިޒާރު ސަރުކާރުގެ މަޝްރޫޢުތަކަށް އެއްބާރުލުން ނުދެއްވާ ކަމަށެވެ. އަދި ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަން ރާވާ ކަންކަމުގައި ކައުންސިލުން އިސްކުރަނީ ސިޔާސީ ފިކުރު ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުގެ ފަރާތުން ފެންނަނީ ސަރުކާރު ބަދުނާމުކޮށް، މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ އަމަލުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ރާވާފައިވާއިރު، ކައުންސިލްގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށް ބުރޫއަރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އައްޑޫ ސިޓީގައި ކަމެއް ކުރަން ސަރުކާރުން އުޅޭ ކޮންމެ ފަހަރަކު، މިހާރު އޮތް ކައުންސިލުން ދަނީ އެކަމަކަށް ހުރަސްތަކެއް އަޅަމުން. އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދިއުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެންނަނީ ޖެއްސުން ކުރަމުންދާ މަންޒަރު،" އިއްސެ ވިދާޅުވިއެވެ.
މީގެ އިތުރުން، މަގު ހެދުމާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް ފަދަ އަސާސީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ކައުންސިލްގެ އެހީތެރިކަން ނުލިބުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ދެރައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫގެ ތަރައްޤީ ބާރުމިނުގައި ކުރިއަށް ގެންދެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކައުންސިލެއް އޮވެގެން ކަމަށް ވިދާޅުވެ، ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މެންބަރު ނިޒާރު ވަނީ އައްޑޫ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ރިއެކްޝަންސް



