ކުޅުދުއްފުށި ސިޓީގެ ޕީއެންސީ ކެމްޕެއިން އޮފީސް ހުޅުވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ކުޅުދުއްފުށި ސިޓީގެ ކައުންސިލަށާއި އަންހެނުންގެ ކޮމިޓީއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕެއިން އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އިތުރުން، ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި، ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.
މި އޮފީސް ހުޅުވުމުގެ މަޤްޞަދަކީ މާލޭގައި ދިރިއުޅޭ ކުޅުދުއްފުށީގެ ރައްޔިތުންނާ ގާތުން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، އިންތިޚާބާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އަންނަނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ވަރަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
ރިއެކްޝަންސް









