ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބޭނެ: އިއްބެ

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބޭނެ: އިއްބެ

3 hours ago - 11:44
Feb 28, 2026 - 12:58

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބޭނެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.


މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ބަޖެޓަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް ދެކޮޅުޖެއްސުމުގައި ގޮންޖެހުންތަކެއް ހުރި އިރު، ޚަރަދު ކުޑަކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


"އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ. މިއީ ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަވެ، އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް،" އިއްބެ ވިދާޅުވިއެވެ.

 އެހެންކަމުން، ގައުމީ މަސްލަހަތަށްޓަކައި މި ބަދަލަށް "އާއެކޭ" ބުނުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އިއްބެ ވިދާޅުވިއެވެ. 

މީގެ އިތުރުން، ރައްޔިތުންގެ ހޭލުންތެރިކަން މިހާރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އިއްބެ ވިދާޅުވީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަންކަމުގެ ހަގީގަތް ހޯދައި ބެލުމުގެ ގާބިލުކަން ރައްޔިތުންގެ ކިބައިގައި އެބަހުރި ކަމަށެވެ. އެހެންކަމުން، ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭނެ މަންފާތައް ރައްޔިތުންނަށް ސާފުވާނެ ކަމަށާއި، ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތަކުން މި ނިންމުމަށް ތާއީދުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްބެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމު އަބަދު "ކެމްޕެއިން މޯޑެއްގައި" އޮތުމުގެ ބަދަލުގައި، އިންތިޚާބުތައް އެއްކޮށްލުމުން އެއްފަހަރާ ބޮޑު ދެ އިންތިޚާބު ނިމި، ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް އައުމާއެކު ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ހުރިހާ ސަމާލުކަމެއް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރައްޔިތުން ތަކުރާރުކޮށް ވޯޓުލާން ދާންޖެހޭ ދިއުމަށް ނިމުމެއް އައިސް، އާންމު ދިރިއުޅުމަށާއި މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާސީ އިންތިޚާބާ އަޅާބަލާއިރު މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދު ނަމަވެސް، ދެ އިންތިޚާބު އެއްކޮށްލުމުން މަޖިލީހަށް ހޮވޭ މެންބަރުންނަކީވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު އިންތިޚާބުވާ ކެންޑިޑޭޓުންތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ރައްޔިތުންގެ ނިންމުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް އިއްބެ ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow