
ވޯޓް ނުދިންކަމަށް ބުނާ ޕީއެންސީގެ ގިނަ މެމްބަރުން ތިބީ މާލެއިން ބޭރުގައި!
މެމްބަރުން ތިއްބެވީ ރަސްމީ ދަތުރުތަކުގައި
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލް ބަލައިގަތުމަށް ޕީއެންސީގެ 11 މެމްބަރަކު ވޯޓް ނުދޭކަމަށް ކޮށްފައިވާ ރިޕޯރޓް އެޕާޓީން ދޮގުކޮށްފިއެވެ.
ކޯޓްތަކާބެހޭ ޤާނޫނަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއިން ބަލައިގަތީ ޕީއެންސީގެ 64 މެމްބަރުންގެ ވޯޓުންނެވެ. އެވޯޓްގައި ބައިވެރިވެވަޑައި ނުގަންނަވާކަމަށް ރިޕޯރޓްކޮށްފައިވާ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތިއްބެވީ ރަސްމީ ދަތުރުތަކުގައި މާލެއިން ބޭރުގައެވެ.
މާލެއިން ބޭރުގައި ތިއްބެވި މެމްބަރުންގެ ތެރޭގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން, މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު, ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު, އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީން ބުނީ މާލޭގައި ތިއްބަވާ ދެމެމްބަރަކު ވޯޓްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. ޕީއެންސީން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް, ވޯޓްގައި ބައިވެރިވެވަޑައިނުގެންނެވި މެމްބަރުންގެ މައްސަލަ ބައްލަވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ. 11 މެމްބަރުން ވޯޓް ނުދެއްވާ ކަމަށް ކޮށްފައިވާ ރިޕޯރޓް ފަލާހުވެސް ވަނީ ދޮގުކުރައްވާފައެވެ.
ބިލް މަޖިލިހަށް ބަލައިގަނެ, މިއަދުން މިއަދަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާ, ބިލް އޮތް ގޮތަށް އެކޮމިޓީން މިއަދުން މިއަދަށް ވަނީ ބިލް ފާސްކޮށްފައެވެ.
ރިއެކްޝަންސް






