
އެމްކިއުއޭ ސެޓްފިކެޓް ގަބޫލުކުރާ ރަންރިހީގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ރިނބުދޫގައި ގާއިމުކުރަނީ
އެމްކިޔުއޭ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ލިބޭ ރަންރިހީގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ދ. ރިނބުދޫގައި ޤާއިމްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފިއެވެ.
އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ރިނބުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރިނބުދޫއަކީ ރަންރިހީގެ މަސައްކަތަށް މަޝްހޫރު ރަށެއް ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބާދީ ކުޑަވެ، ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިވާ މިންވަރު މަދުވެފައިވާ ކަމަށެވެ. ރިނބުދޫގައި ގާޢިމުކުރެވޭ މަރުކަޒުގެ ސަބަބުން ދިވެހިންގެ އަތްތެރި މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ގޮތުން ރަންރިހީގެ މަސައްކަތް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލެއްވުމުގެ ކުރިން ވަނީ އެ ރަށުގައި ގާއިމުކުރެވޭ ރަންރިހީގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒުގެ މަޝްރޫއު ކާމިޔާބު މަސްރޫއަކަށް ހެދުމަށްޓަކައި އެރަށު ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.
ރިއެކްޝަންސް






