ބޯޓުތައް ބްރިޖުގައި ޖެހުނު މައްސަލަ: ތަންފީޒީ އިދާރާތަކުގެ ވެރިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފި

ބޯޓުތައް ބްރިޖުގައި ޖެހުނު މައްސަލަ: ތަންފީޒީ އިދާރާތަކުގެ ވެރިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފި

1 hour ago - 12:40

ރާއްޖެއަށް ވަގަށް ވަނުމުން ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާގޮސް މާލޭގެ ފަރަށް އެރުމަށްފަހު ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލާގައި، ތަންފީޒީ އިދާރާތަކުގެ އިސް ވެރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ. މި ހުށަހެޅުން އައީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފުރާނަ ގެއްލުނު ބައެއް ހާދިސާތަކާއި، މުހިއްމު އެހެން ކަންކަމާ ގުޅިގެންނެވެ.


ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ދޫނިދުއާއި މާލެއާ ދެމެދު އަޅާފައި ހުރި މި ދެ ބޯޓު، ނަގިލި ކަނޑައިގެން އޮޔާ ދިޔައީ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުންނެވެ. މި މައްސަލަ ބެލުމަށް ފުލުހުންނާއި ސިފައިން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.


ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ޣަފޫރުގެ މި ހުށަހެޅުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަތު ތޯރިގު (ޓޮމް) ތާއީދުކުރެއްވި އެވެ.


ބައެއް ސިފައިންނާއި ފުލުހުންގެ ފުރާނަ ގެއްލުނު ހާދިސާތަކުގެ މައްސަލަ އާއި ވަގަށް ވަދެ އުޅުނު ދެ ބޯޓު، މާލޭގެ ފަރަށް އެރި މައްސަލާގައި ސިފައިންނާއި ފުލުހުންގެ އިސް ބޭފުޅުން ހާޒިރުކުރަން ޣަފޫރު ހުށަހެޅުއްވި އިރު، ހަމަ މި މައްސަލަތަކާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ހާޒިރުކުރަން ހުށަހެޅުއްވީ މެންބަރު ނާޒިމެވެ. މި ދެ ހުށަހެޅުމަށް ވެސް މެންބަރު ތޯރިގު ތާއީދުކުރެއްވި އެވެ.


މެންބަރު ޣަފޫރު ވިދާޅުވީ، "އަޅުގަނޑުމެން މި ދައްކަނީ އިންސާނުންގެ ފުރާނައިގެ ވާހަކަ، އެހެންވީމާ މީގައި [ބައެއް ސިފައިންނާއި ފުލުހުން ނިޔާވި ހާދިސާތަކުގައި] އެޅިފައި ހުރި ފިޔަވަޅުތަކެއް ހުންނަން ޖެހޭނެ." އޭނާ އިތުރަށް ވިދާޅުވީ އެ ހާދިސާތަކުގައި ނިޔާވި ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ.


މެންބަރު ނާޒިމް ވިދާޅުވީ، ޣަފޫރު ފާހަގަކުރެއްވި ހާދިސާތަކާ ގުޅިގެން އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި އިއްޔެ ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ވެސް މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށެވެ. "މިއަދު މި އޮތް ދެ މައްސަލައަށް ވެސް އަޅުގަނޑު ތާއީދުކުރަން މިއީ ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން،" ނާޒިމް ވިދާޅުވި އެވެ.


މެންބަރު ތޯރިގު ވިދާޅުވީ، ބައެއް ސިފައިންނާއި ފުލުހުން ކަނޑުމަތީގެ ހާދިސާތަކުގައި ނިޔާވި އިރު އެ ހާދިސާތައް ހިނގަން މެދުވެރިވީ ސިފައިންނާއި ފުލުހުންގެ އަތުގައި ކޮންކޮން ވަސީލަތްތަކެއް ނެތިގެންތޯ ބަލަން ޖެހޭ ކަމަށާއި އެ ދެ އިދާރާގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ތާއީދުކުރައްވާ ކަމަށެވެ.


ކޮމިޓީ ބައްދަލުވުމުގެ ވަކި ހިސާބަކުން ސިއްރުކުރި ނަމަވެސް، މި ހުށަހެޅުންތަކާ މެދު ކޮމިޓީން ގޮތެއް ނިންމިކަން ސާފުވާ ގޮތެއް ނުވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow