ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު މީރާއަށް ބޮޑެތި ބާރުތަކެއް ލިބިއްޖެ

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު މީރާއަށް ބޮޑެތި ބާރުތަކެއް ލިބިއްޖެ

1 hour ago - 10:35

ދިވެހިރާއްޖޭގައި ޓެކްސް ނިޒާމު ތަޢާރަފުވެ، ޓެކްސް ނަގަން ފެށިތާ 16 އަހަރު ވެފައިވާއިރު، މި ނިޒާމު ހަރުދަނާކުރުމަށް އެކި ބަދަލުތައް މީގެ ކުރިން ގެނެވިފައިވީ ނަމަވެސް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުރި ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު، މީރާއިން ޤަވާއިދުތަކެއްގެ ދަށުން ކުރަމުން އައި ގިނަ ކަންކަމަށް މިހާރު ވަނީ ޤާނޫނީ ބާރުވެރިކަން ލިބިގެން ގޮސްފައެވެ.


މި އިސްލާޙުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚުތިޔާރު މީރާއަށް ދިނުމާއި، އޮޑިޓްތަކާއި ތަޙުޤީޤުތައް ހިންގުމުގެ އިޖުރާއަތުތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މީރާއަށް ލިބިފައިވާ ބާރުތައް މުރާޖަޢާކޮށް، ކުށާއި އަދަބުތައް އިސްލާޙުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.


އަލަށް ގެނައި އިސްލާޙުގެ ދަށުން، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ކަނޑައެޅޭނެ ކަމަށާއި، އެކަމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ ފަރާތެއްގެ އަތުންވެސް ހޯދުމުގެ ފުރިހަމަ ބާރު މީރާއަށް ލިބިދެއެވެ. އަދި ބަޔާން ހުށަނާޅާ ހާލަތްތަކުގައި ބަލާނެ މިންގަނޑުތަކާއި، ފޮނުވަންޖެހޭ އެންގުންތަކުގެ އިތުރުން، އޮޑިޓްކުރުމުގައި ބަލާނެ ތަފްޞީލީ ކަންކަންވެސް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.


މީގެއިތުރުން، ތަޙުޤީޤާއި އޮޑިޓްގެ ބޭނުމަށް މީރާގެ ބެލުމުގެ ދަށަށް ތަކެތި ގެންދިއުމުގެ ބާރާއި، ލިޔެކިޔުން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚު ރަސްމީ ބަންދު ދުވަހަކާ ދިމާވެއްޖެނަމަ ޢަމަލުކުރާނެ އުޞޫލުތައްވެސް ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ސިއްރު މަޢުލޫމާތު ރައްކާތެރިކުރުމުގެ މާއްދާތައް ހިމަނާފައިވާއިރު، ޤާނޫނާ ޚިލާފުވާ ފަރާތްތައް 250،000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ގޮތަށް އިދާރީ އަދަބުތައް ވަނީ ކަނޑައަޅާފައެވެ.


މި ޤާނޫނަށް ގެނައި އެހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، އިންސްޓޯލްމެންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ އިޖުރާޢަތުތަކަށް ޤާނޫނީ ބާރު ދިނުމާއި، ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ (ކޯޓުތަކުން ކުރާ ޙުކުމްތަކުގެ ޖޫރިމަނާ ފަދަ ފައިސާ) ހޯދުމަށް ބަންޑާރަ ނައިބު އަންގަވާ ގޮތެއްގެ މަތީން ޝަރީޢަތަށް ދިއުމުގެ ބާރު މީރާއަށް ދިނުން ހިމެނެއެވެ.

މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި އިސްލާޙުތަކުގެ ސަބަބުން ޓެކްސް ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް މި ނިޒާމުގެ ތެރެއިން ލިބެންޖެހޭ ފައިދާތައް ފުރިހަމައަށް ކަށަވަރުވެގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow