މައްސަލަ ބޮޑުވުމުން "ބޮޑު ބަދަލު" ގްރޫޕުން ފައްޔާޒް ވަކިވެވަޑައިގެންފި
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ސިފަތަކަކަށް ބަދަލުކުރުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ އުފެއްދެވި "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުގެ މަޤްޞަދު އޮޅި، ޚިޔާލުތަފާތުވުންތައް ބޮޑުވުމާ ގުޅިގެން ފައްޔާޒް އެ ގްރޫޕުން ނިކުމެވަޑައިގެންފިއެވެ.
"ބޮޑު ބަދަލު" ގްރޫޕަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު މިހާރު އޮތް ގޮތުން ފުރޮޅާލުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އުފެއްދި ޚާއްޞަ ޕްލެޓްފޯމެކެވެ. މި މަސައްކަތުގެ ތެރެއިން ރައީސް ނަޝީދާއި ފައްޔާޒް ވަނީ ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަރުލަމާނީ ސިފަތައް ހާމަކުރައްވާފައެވެ. އެ ބަދަލުތަކާއެކު، ކުރިއަށް އޮތް ރިޔާސީ ރޭހަށް ނުނިކުންނަވައި ފައްޔާޒަށް ފުރުޞަތު ދެއްވަން ނިންމެވިކަން ރައީސް ނަޝީދު ކުރިން އިޢުލާނު ކުރެއްވިއެވެ. އަދި ނަޝީދު ޝައުޤުވެރިކަން ފާޅުކުރެއްވީ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށެވެ.
ނަމަވެސް، ފަހުން ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ރިޔާސީ އިންތިޚާބަށް ނިކުންނަވަންވީ ނަޝީދު ކަމަށް ބުނެ ކެމްޕޭނު ހަރަކާތްތައް ފަށައި، "ބޮޑު ބަދަލު" ގްރޫޕުގެ ތެރޭގައިވެސް އެ ބަހުސްތައް ފަށާފައެވެ.
މި މައްސަލަތަކާ ގުޅިގެން ގްރޫޕުން ވަކިވެވަޑައިގަންނަވަމުން ފައްޔާޒް ވިދާޅުވީ، ގްރޫޕް އުފެއްދި އަސްލު ބޭނުން މިހާރު ކެނޑި، ބޭކާރު މައްސަލަތައް އުފެދުމަށް މަގުފަހިވަމުންދާ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް އެ ފުރުޞަތު އޮންނާނެ ކަމަށާއި، ރިޔާސީ ރޭހަށް ނިކުންނަވަން ބޭނުންފުޅުވާ ބޭފުޅުން އެކަން ކުރައްވަންވާނެ ކަމަށް ވިދާޅުވިއެވެ. މިއީ ރައީސް ނަޝީދަށް އަމާޒުކުރައްވައި ފައްޔާޒް ވިދާޅުވި ވާހަކަފުޅެއް ކަމަށް ބެލެވެއެވެ. މި މެސެޖަށްފަހު ފައްޔާޒް ވަނީ އެ ގްރޫޕުން ރަސްމީކޮށް ވަކިވެވަޑައިގެންފައެވެ.
މި ބަދަލުތައް މިގޮތަށް އައިސްފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޕްރައިމަރީއަށް އޮތް ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
ރިއެކްޝަންސް

