ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފި

50 minutes ago - 16:22
Advertisement
Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި މުޅިން އަލަށް 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.


ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ފެށި މި 3 ޚިދުމަތަކީ ގޭސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ އަދި ޔޫރޮލޮޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، އެ ހޮސްޕިޓަލުގައި ޤާއިމުކުރި ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ޢާޞިމް އަޙްމަދު (ޤީލާ އަލީ) އެވެ.


މި ޚިދުމަތްތައް ފެށުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް ދެމުންދާ ޚިދުމަތްތަކެއް ކަމަށާއި، މި ޚިދުމަތް ހުޅުމާލޭގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗަށް އޮންނަ ބާރު ކުޑަކުރުން ކަމަށެވެ. އަދި މިވަގުތުވެސް މި ޚިދުމަތްތަކަށް އެދި ވެއިޓްލިސްޓުގައި ގިނަ ބަޔަކު އެބަތިބިކަން ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންގެ އަދަދު މަދުކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


ނިއުރޯ ސައިންސް ޔުނިޓްގައި ހިމެނޭ އީއީޖީގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު 2 ޖެހުމާއަށް ނަންނޯޓް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އައިސީޔޫގެ އިތުރުން 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement