ސިނަމާލެ ބުރިޖާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: ޗައިނާ އެމްބަސީ

ސިނަމާލެ ބުރިޖާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: ޗައިނާ އެމްބަސީ

1 hour ago - 18:24
Advertisement
Advertisement

ސިނަމާލެ ބުރިޖާއެކު މާލެ ސަރަހައްދުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.


ޗައިނާ އެމްބަސީން މިހެން ބުނެފައިވަނީ، މާދަމާ ފާހަގަކުރާ ސިނަމާލެ ބްރިޖު ހުޅުވިތާ 8 އަހަރު ފުރުމުގެ މުނާސަބަތާއި، ދިވެހި އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައި އާއްމުކުރި ޕޯސްޓެއްގައެވެ.


އެމްބަސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ސަރުކާރުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މި ބިޔަ މަޝްރޫއުގެ ސަބަބުން، ވެރިރަށް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ހުޅުލެ) އަދި ހުޅުމާލެ ވަނީ އެއްގަމު މަގުން ގުޅާލެވިފައެވެ.


ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، ޖަޒީރާ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް އޮތް ހަމައެކަނި ވަސީލަތަކީ އޮޑިދޯނިފަހަރާއި ސީޕްލޭން ކަމަށްވުމުން، ދަތުރުފަތުރުކުރުމުގައި ދިވެހިންނަށް މީގެ ކުރިން އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެމްބަސީން ބުންޏެވެ. އަދި ކަނޑު ހުރަސްކޮށް ބްރިޖެއް އިމާރާތްކުރުމަކީ ދިވެހިން ދެކެމުން އައި ޒަމާންވީ ފޮނި އުއްމީދެއް ކަމުގައިވެސް ބަޔާނުގައި ވެއެވެ.


ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ކަނޑު ހުރަސްކޮށް އިމާރާތްކުރެވުނު "ސިނަމާލެ ބްރިޖް" ގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އައިސް، ގައުމުގެ ތަރައްގީއަށް އާ ދިރުމެއް ލިބިފައިވާކަން ޗައިނާ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.


މި ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއަކާއެކު ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދުވި މި މަޝްރޫއަށް، ޗައިނާ ސަރުކާރުން ވަނީ 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 72 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ހަރަދުކޮށްފައިވަނީ 12 މިލިއަން ޑޮލަރެވެ.
އޮގަސްޓް 30، 2018 ގައި އާންމު ދަތުރުފަތުރަށް ހުޅުވާލި 1.4 ކިލޯމީޓަރުގެ މި ބްރިޖު މެދުވެރިކޮށް، ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ދަތުރުކުރެއެވެ.
ގައުމުގެ ތާރީހުގައި ހިންގުނު އެންމެ ބިޔަ އުމްރާނީ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖު އިފުތިތާހުކުރި ދުވަހަކީ އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ކަމަށްވާތީ، އެ ދުވަހަކީ ރާއްޖޭގެ "އިންޖިނޭރުންގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement